އިންޑިއާގެ އަސާމް ސްޓޭޓްގައި ރޭލެއް ދަށުވެ، އެތްތަކެއް މަރުވެއްޖެ
އިންޑިއާގެ އިރުއުތުރު އަސާމް ސްޓޭޓްގައި ދުއްވާފައި ދިޔަ ރޭލެއްގެ ދަށުވެ، ހަތް އެތް މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އަސާމްގެ ހޮޖާއީ ޑިސްޓްރިކްޓްގައި ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ވީ.ވީ. ރާކޭޝް ރެޑީ ވިދާޅުވި ގޮތުގައި، މި ހާދިސާގައި ހަތް އެތް މަރުވިއިރު، އެއް އެތަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި އެކްސިޑެންޓް ހިނގީ ދިއްލީއަށް ދަތުރުކުރި ރޭލެއް، އެ ސަރަހައްދުން ހުރަސްކުރި އެތް އައިނެއްގައި ޖެހިގެންނެވެ.
ނޯތުއީސްޓް ފްރަންޓިއާ ރޭލްވޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ސަރަހައްދަކީ އާންމުކޮށް އެތްތައް ހުރަސްކުރާ "އެލެފަންޓް ކޮރިޑޯ" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއް ނޫން ކަމަށެވެ. ރޭލު ދުއްވަން ހުރި މީހާ އެތްތައް ފެނުމާއެކު ކުއްލި ބްރޭކް ޖެއްސި ނަމަވެސް، އެތްތައް ރޭލާ ދިމާލަށް ދުވެފައި އައުމުގެ ސަބަބުން އެކްސިޑެންޓް ހިނގީ ކަމަށް އެ ކުންފުނިން ބުނެއެވެ.
މެންދަމު 2:17 ހާއިރު ހިނގި މި ހާދިސާގައި ރޭލުގެ އިންޖީނާއި އިތުރު ފަސް ކޯޗެއް ވަނީ ދަގަނޑުމަތިން ކަސިޔާރުވެފައެވެ. ނަމަވެސް، ރޭލުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރޭލު ކުންފުނިން ކަށަވަރުކޮށްދެއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރޭލު ދަތުރުތަކަށް ވަނީ ބުރޫއަރާފައެވެ. އެ މަގުން ދަތުރުކުރަން ހުރި ރޭލުތައް މިހާރު އެހެން މަގުތަކަށް ބަދަލުކުރަމުންދާއިރު، ރޭލު ދަގަނޑު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން އޭޝިއާ އެތް އުޅޭ އެއް ގައުމަށް ވާއިރު، ރޭލު ދަގަނޑުތައް އެތްތަކުގެ ގުދުރަތީ މާހައުލުތަކުގެ ތެރެއިން ލާފައި އޮތުމަކީ މިފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރޭލުގެ ދަށުވެ ސަތޭކައަށްވުރެ ގިނަ އެތް ވަނީ މަރުވެފައެވެ. ޚާއްޞަކޮށް އަސާމް އާއި ހުޅަނގު ބެންގާލް ފަދަ ސްޓޭޓްތަކުގައި މިފަދަ ހާދިސާތައް ހިނގުން އިތުރެވެ.
Ads by BMLމިކަން ހައްލުކުރުމަށްޓަކައި، އެތްތައް ހުރަސްކުރާ ސަރަހައްދުތަކުގައި ރޭލު ދުއްވާ ސްޕީޑް ދަށްކުރުމާއި، އެތްތައް ދުރުކުރުމަށް އަޑުގަދަ ކުރާ ބޭނުންކުރުން ފަދަ ފިޔަވަޅުތައް އެޅި ނަމަވެސް، އުމްރާނީ ތަރައްގީގެ ސަބަބުން އެތްތަކުގެ ހިމާޔަތަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
Ads by MACL
