ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާއިން ލަންކާއަށް 450 މިލިއަން ޑޮލަރުގެ އެހީ ދެނީ

އިންޑިއާއިން ލަންކާއަށް 450 މިލިއަން ޑޮލަރުގެ އެހީ ދެނީ

ސްރީ ލަންކާގެ ތާރީޚުގައި ވެސް އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ ކަމަށްވާ ތޫފާން "ދިތުވާ" އާ ގުޅިގެން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް، އަވަށްޓެރި އިންޑިއާއިން 450 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ނިންމާފައިވާކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ހާމަކުރައްވައިފިއެވެ.

މިދިޔަ މަހު ލަންކާއަށް އެރި މި ބާރުގަދަ ތޫފާނުގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހިތާމަވެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 640 އިން މައްޗަށް އަރައެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ކާރިސާގައި ލަންކާއަށް ލިބުނު މާލީ ގެއްލުން ހަތަރު ބިލިއަން ޑޮލަރަށް އަރާއިރު، މިއީ އެގައުމުގެ ޖީޑީޕީގެ ނިސްބަތުން ހަތަރު އިންސައްތައެވެ. ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ ވެސް ވަނީ މިއީ އެގައުމު ދުށް އެންމެ ބިރުވެރި ކާރިސާގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރަސްމީ ދަތުރުފުޅެއްގައި ކޮލަމްބޯއަށް ވަޑައިގެން އުޅުއްވާ ޖައިޝަންކަރު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ ސިޓީފުޅެއް ލަންކާގެ ރައީސަށް އަރުވާފައިވާ ކަމަށާއި، އެ ސިޓީފުޅުގައި ލަންކާ އާރާސްތުކުރުމަށް އެހީގެ ޕެކޭޖެއް ދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. މި ޕެކޭޖު ބަހާލެވިފައިވަނީ 350 މިލިއަން ޑޮލަރުގެ ލުއި ލޯނު (ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓް) އާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ މައްޗަށެވެ.
މާލީ އެހީގެ އިތުރުން، އިންޑިއާއިން ވަނީ ކާރިސާގެ ވަގުތުގައި ވެސް 1،100 ޓަނުގެ އިންސާނީ އެހީއާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދީފައެވެ. އަދި ހަލާކުވެފައިވާ މަގުތަކާއި ބްރިޖުތައް މަރާމާތުކޮށް، ދަތުރުފަތުރުގެ ޚިދުމަތް އަލުން ފެށުމަށްޓަކައި އިންޑިއާގެ އަސްކަރިއްޔާއިން ގެންގުޅޭ "ޕޯޓަބަލް ބްރިޖް" ފަދަ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ވެސް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ލަންކާގެ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި އިންޑިއާގެ ފަތުރުވެރިން ލަންކާއަށް ދިއުން އިތުރުކުރުމަށާއި، އިންޑިއާގެ އިންވެސްޓްމަންޓްތައް އެގައުމަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. މިއީ 2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ޒަރޫރީ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ލިބިގެންދާނެ މުހިންމު އެހީތެރިކަމެކެވެ.
ސްރީ ލަންކާއަށް ތޫފާން ދިތުވާގެ ނުރައްކާއާ ކުރިމަތިލާން ޖެހުނީ، 2022 ވަނަ އަހަރު އެގައުމަށް ދިމާވި މިނިވަން ތާރީޚު ދުށް އެންމެ ބޮޑު މާލީ އަދި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބައިނަލްއަގްވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ ޕްރޮގްރާމްތަކާއެކު މަސައްކަތް ފަށާފައިވަނިކޮށެވެ.

ބޭރު ފައިސާގެ ރިޒާވް ހުސްވެ، ތެލާއި ބޭހާއި ކާބޯތަކެތި އެތެރެ ނުކުރެވި ގައުމު ބަނގުރޫޓުވުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގައި ސަރުކާރު ބަދަލުވެ، ސިޔާސީ ގޮތުން ވެސް ލަންކާ އޮތީ ނާޒުކު ފައްތަރެއްގައެވެ. އެ ދަނޑިވަޅުގައި ވެސް ލަންކާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގައުމަކީ އިންޑިއާއެވެ.

މި ފަހަރުގެ ތޫފާނުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރު ހުރަސްތަކެއް އެޅިގެންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.