ސޫރިޔާގައި އަލަވީން ކުރި މުޒާހަރާތަކެއްގައި ތިން މީހުން މަރުވެ އެތައްބަޔަކު ޒަޚަމުވެއްޖެ
ސޫރިޔާގެ އައްސޭރިފަށުގެ ރަށްތަކުގައި އަލަވީ ދަރިކޮޅުގެ މީހުން ކުރި މުޒާހަރާތަކެއްގެ ތެރެއިން ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކުގައި މަދުވެގެން ތިން މީހުން މަރުވެ، 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ލަޓާކިއާ، ތަރްތޫސް އަދި ޖަބްލާގައި މި ހަމަނުޖެހުންތައް ހިނގާފައިވަނީ، މިދިޔަ ހުކުރު ދުވަހު ހޮމްސްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި އަލަވީންގެ އަށް މީހަކު މަރުވުމާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށް ބޭއްވި އެއްވުންތަކެއްގެ ތެރެއިންނެވެ.
"ސުޕްރީމް އަލަވީ އިސްލާމިކް ކައުންސިލް" ގެ ރައީސް ޣަޒާލް ޣަޒާލްގެ ގޮވާލުމަކަށް ބޭއްވި މި މުޒާހަރާތަކުގެ ބައިވެރިން ވަނީ ސޫރިޔާގައި ފެޑަރަލް ވެރިކަމެއް ގާއިމުކުރުމަށާއި، ދަރިކޮޅުތަކުގެ މެދުގައި ނަފުރަތު އުފެއްދުން ހުއްޓާލުމަށް ގޮވާލާފައެވެ.
Ads by BMLމީގެ އިތުރުން ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައި ފަހުން ހައްޔަރުކޮށްފައިވާ އަލަވީން ދޫކޮށްލުމަށާއި، ވަޒީފާތަކުން ވަކިކޮށްފައިވާ އެ ދަރިކޮޅުގެ މީހުންނަށް އަލުން ވަޒީފާ ދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބާރުއަޅާފައެވެ.
މަސްރަހު ހޫނުވީ މުޒާހަރާގެ ބައިވެރިންނާއި މިހާރުގެ ސަރުކާރަށް ތާއީދުކުރާ ބައެއްގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގެ ސަބަބުންނެވެ. ސަރުކާރުގެ ސަލާމަތީ ބާރުތަކުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި އެއްވުން ރޫޅާލަން މަސައްކަތް ކޮށްފައެވެ.
މި ހަމަނުޖެހުންތަކުގައި މަރުވި ތިން މީހުންގެ ތެރޭގައި ސަލާމަތީ ބާރުގެ އޮފިސަރަކުވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، އެ އާއިލާ ނިސްބަތްވާ އަލަވީ ދަރިކޮޅުގެ މީހުންނަށް އެކި ގޮންޖެހުންތަކާއި ތަފާތުކުރުންތަކާ ކުރިމަތިވަމުންދާ ކަމަށް އެ ދަރިކޮޅުގެ މީހުން ބުނެއެވެ.
މި މުޒާހަރާތަކަކީ އަސަދުގެ ވެރިކަން ބަދަލުވި ފަހުން އަލަވީން މިހާ ބޮޑު މުޒާހަރާއެއް ކުރި ފުރަތަމަ ފަހަރެވެ.
Ads by MACL
