ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގެ ހިސޯރު ވަރުގަދަކޮށް އެހީދޭ 30 އަށް ވުރެ ގިނަ ޖަމިއްޔާގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި

ޣައްޒާގެ ހިސޯރު ވަރުގަދަކޮށް އެހީދޭ 30 އަށް ވުރެ ގިނަ ޖަމިއްޔާގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އެހީދޭ 30 އަށް ވުރެ ގިނަ ޖަމިއްޔާތަކެއްގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި އެވެ.

މި ނިންމުމާއެކު ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވެ، އެހީގެ ނިޒާމު އެއްކޮށް ހުއްޓުމަކަށް އައުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އިޒްރޭލުން އިއުލާނުކުރި މި "ބްލެކްލިސްޓް" ގައި، ޣައްޒާގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފްރާންސްގެ 'ޑޮކްޓާސް ވިތައުޓް ބޯޑާސް' (އެމްއެސްއެފް) ވެސް ހިމެނެ އެވެ. މީގެ އިތުރުން ނޯވީޖިއަން ރެފިއުޖީ ކައުންސިލް، ކެއާ އިންޓަނޭޝަނަލް، އޮކްސްފާމް އަދި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ ފަދަ ބޮޑެތި ޖަމިއްޔާތަކަށް ވެސް މާދަމާއިން ފެށިގެން ޣައްޒާގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފަ އެވެ.

މި ޖަމިއްޔާތަކުގެ މަސައްކަތް ހުއްޓުވަން އިޒްރޭލުން ދެއްކި ބަހަނާއަކީ، އެ ތަންތަނުގެ މުވައްޒަފުންގެ މައުލޫމާތާއި ފައިސާ ހޯދާ ގޮތުގެ ތަފްސީލް ހިއްސާ ނުކުރުމެވެ. ނަމަވެސް އެމްއެސްއެފް ފަދަ ޖަމިއްޔާތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، މިއީ އެހީ ދިނުމަށް ހުރަސްއެޅުމަށް ގަސްތުގައި ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

އެމްއެސްއެފް އިން ބުނި ގޮތުގައި ޣައްޒާގައި ހުރި ހޮސްޕިޓަލް އެނދުތަކުގެ 20 އިންސައްތަ ބަލަހައްޓަނީ އެ ޖަމިއްޔާއިންނެވެ. އަދި ވިހާ ކުދިންގެ ތިންބައިކުޅަ އެއްބައި ކުދިންނަށް ސިއްހީ ފަރުވާ ދެނީ ވެސް އެމްއެސްއެފްގެ ބެލުމުގެ ދަށުންނެވެ. މި ޖަމިއްޔާތަކުގެ ހުއްދަ އާނުކޮށް ހުއްޓުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް އެހީދޭ އިދާރާތަކުން ބުނެ އެވެ.

ފަލަސްތީނުގެ އެންޖީއޯ ނެޓްވޯކްގެ އަމްޖަދު ޝަވާ ވިދާޅުވީ، މިއީ ޣައްޒާގެ އިންސާނީ ހާލަތު އެންމެ ދަށު ދަރަޖައަށް ވައްޓާލައި، ފަލަސްތީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް އިޒްރޭލުން ރާވައިގެން ހިންގާ ނަސްލު ނައްތާލުމުގެ އަމަލެއްގެ ބައެއް ކަމަށެވެ.

ޣައްޒާއަށް ދުވާލަކު 600 ލޮރީގެ އެހީ ވެއްދުމަށް ކުރިން އެއްބަސްވެފައި އޮތް ނަމަވެސް، އިޒްރޭލުން އޭގެ ދެބައިކުޅަ އެއްބައި ވެސް އެތެރެވިޔަކަ ނުދެ އެވެ. އެހީ ހުއްޓުވުމުގެ އިތުރުން އިޒްރޭލުން ދަނީ މެދުނުކެނޑި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންނެވެ.