ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެ
ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުތުބާގައި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވުމަށްޓަކައި، އެ ދުވަހަށް ތައްޔާރުވުމަށް އެންމެހައި މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ. "މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޟޫއަށް ދެއްވި ޚުތުބާގައި، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ޤިޔާމަތް ދުވަހުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އިންސާނުން އެ ދުވަހުން އިބުރަތް ހާސިލުކޮށް، ދުނިޔަވީ ދަޅަގަނޑަށް ހެއްލުންތެރިނުވެ ތަޤުވާވެރިވުމަށްޓަކައި ކަމަށް ވަނީ ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދުނިޔަވީ ޙަޔާތަކީ ވަގުތީ، ފަނާވެގެންދާނެ ޙަޔާތެކެވެ. ކޮންމެ އިންސާނަކުވެސް މަރުގެ ރަހަ ދެކޭނެކަން ކަށަވަރެވެ. އިންސާނުން ހެއްދެވީ ބޭކާރު ގޮތެއްގައި ނޫން ކަމަށާއި، އެންމެހައި މީސްތަކުން މާތް ﷲގެ ހަޟުރަތަށް ރުޖޫޢަވެ، އެކަލާނގެ ކުރިފުޅުމަތީގައި ހިސާބު ބައްދަލުކުރަންޖެހޭނެކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
Ads by BMLއާޚިރަތް ދުވަހު އޮންނަ އިމްތިޙާނަކީ ދުނިޔޭގެ އިމްތިޙާނަށްވުރެ މާ ބޮޑު، ދެވަނަ ފުރުޞަތެއް ނުލިބޭ އިމްތިޙާނެއް ކަމަށް ޚުތުބާގައި ފާހަގަކުރެވުނެވެ. އެ ދުވަހަކީ މުއްސަނދިންނާއި ފަޤީރުން، ވެރިންނާއި ރައްޔިތުން، އަދި އަންހެނުންނާއި ފިރިހެނުންވެސް ހަމަހަމަވެގެންވާ ގޮތެއްގައި މާތް ﷲގެ ހަޟުރަތުގައި ހިސާބުކުރެވޭނެ ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަން ބޮޑުކަމުން، އެކަކު އަނެކަކަށް އެހީތެރިވެދޭނެ މީހަކު ނުހުންނާނެކަމަށާއި، ކޮންމެ މީހަކުވެސް އުޅޭނީ އަމިއްލަ ނަފުސުގެ ސަލާމަތަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މަޙުޝަރުގެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި މީސްތަކުން ތިބެންޖެހޭނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. ނަމަވެސް، ތަޤުވާވެރި މުއުމިނުންނަށް އެ ދުވަސް ވެގެންދާނީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދަ ކުރު ވަގުތުކޮޅަކަށް ކަމަށް ރަސޫލާގެ ޙަދީޘްފުޅުތަކާ ހަވާލާދީ ޚުތުބާގައި ބަޔާންކުރިއެވެ.
އެހެންނަމަވެސް، މާތް ﷲއަށް އުރެދުނު މީހުންނަށް އެ ދުވަސް ވެގެންދާނީ ދަތިކަންބޮޑު، ހިތްދަތި ދުވަހަކަށެވެ. އެގޮތުން ބައެއް މީހުން އެމީހުންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ކަންފަތުގެ މެދާ ހަމައަށް ގެނބިފައި ތިބޭނެކަމުގެ ބިރުވެރި މަންޒަރުވެސް ޚުތުބާގައި ވަނީ ސިފަކޮށްދެއްވާފައެވެ.
ޚުތުބާ ނިންމާލަމުން، ޤިޔާމަތް ދުވަހަކީ އެންމެހައި މީސްތަކުން އަލުން ދިރުއްވައި މަޙުޝަރުކުރައްވާނެ، އަދި ޢަދުލު އިންސާފުގެ ތިލަފަތުން ނިޔާ ކަނޑައެޅޭނެ ދުވަސް ކަމަށް ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ދުނިޔޭގެ ދަޅަގަނޑަށް ހެއްލުންތެރިނުވެ، އެ ދުވަހަށްޓަކައި ހެޔޮ އަމަލުތައް އިތުރުކޮށް، ތަޤުވާވެރިވުމަށް ވަނީ ޚާއްސަ ގޮތެއްގައި ނަސޭހަތްތެރިވެފައެވެ.
Ads by MACL
