ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ދިގު މުއްދަތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމަށްފަހު، ބޯކޮށް ވާރޭވެހި ސްނޯ ފައިބައި، އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެ، 11 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ހެރާތު ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު މުޙައްމަދު ޔޫސުފް ސައީދީ ވިދާޅުވި ގޮތުގައި، އެ ޕްރޮވިންސްގެ ކަބްކާން ޑިސްޓްރިކްޓްގައި ބުރާސްފަތި ދުވަހު ގެއެއްގެ ފުރާޅު ވެއްޓުމުގެ ސަބަބުން އެއް އާއިލާއެއްގެ 5 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނެއެވެ.

އަފްޣާނިސްތާން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ތަރުޖަމާނު މުޙައްމަދު ޔޫސުފް ހައްމާދު ވިދާޅުވީ، ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެގައުމަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި މި ވިއްސާރައިގެ އަސަރު މެދުތެރެއާއި، އުތުރާއި ދެކުނުގެ އިތުރުން ހުޅަނގުގެ ސަރަހައްދުތަކަށްވެސް ވަނީ ކޮށްފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ޢުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، ގެތައް ހަލާކުވެ، 1,800 އެއްހާ އާއިލާއަށް ވަނީ އޭގެ އަސަރުކޮށްފައެވެ. މީގެ ސަބަބުން ރަށްފުށާއި ޝަހަރުތަކުގެ ނާޒުކު ހާލަތް ވަނީ އިތުރަށް ގޯސްވެފައެވެ. ހާލުގައި ޖެހިފައިވާ މީހުންގެ ހާލަތު ބެލުމަށް އެސެސްމަންޓް ޓީމުތައް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހެރާތު-ކަންދަހާރު ހައިވޭގައި ފެންބޮޑުވެ، ބޮޑު ޓްރަކެއް ވަނީ ފުރޮޅާލާފައެވެ. މީގެއިތުރުން، ބަހެއް ފުރޮޅާލުމުން، އޭގައި ތިބި މީހުން އޮއިވަރުގެ ތެރެއިން ސަލާމަތްވުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

އަފްޣާނިސްތާނަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކަށް ނާޒުކު ޤައުމެކެވެ. ދިގުލާފައިވާ ހަނގުރާމައާއި، ޢުމްރާނީ ވަސީލަތްތައް ދަށްވުމާއި، ގަސްގަހާގެހި ނެތުމުގެ އިތުރުން، ގިނަ ގެތައް ކިސަޑުން ހަދާފައި ހުރުމުގެ ސަބަބުން މިފަދަ ކާރިސާތަކުގެ ގެއްލުން ބޮޑުވެއެވެ.

މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދަށް އައި 6.0 މެގްނިޓިއުޑްގެ ބިންހެލުމުގައި 1,400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެފަހަރުވެސް ފެންބޮޑުވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އދ. އާއި އިންސާނީ އެހީދޭ ޖަމާޢަތްތަކުން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރުވެސް ދުނިޔޭގައި އިންސާނީ އެހީއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން ހިމެނޭނެއެވެ. އެގޮތުން އެޤައުމުގެ 18 މިލިއަން މީހުންނަށް އެހީވުމަށް 1.7 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހޯދުމަށް އދ. އިން ވަނީ އިލްތިމާސްކޮށްފައެވެ.