ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވެނެޒުއޭލާގެ ފަސްޓްލޭޑީ އެމެރިކާއަށް ގެންގެންދިޔައީ ކީއްވެ؟

ވެނެޒުއެލާގެ ފަސްޓްލޭޑީ ސީލިއާ އާއި ފިރިކަލުން މަދޫރޯ --
ވެނެޒުއެލާގެ ފަސްޓްލޭޑީ ސީލިއާ އާއި ފިރިކަލުން މަދޫރޯ --

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސީލިއާ ފްލޮރެސް، އެމެރިކާގެ ސިފައިން ދިން ހަމަލާއަކަށްފަހު ރޭގަނޑު ކަރަކާސްއިން ނިއުޔޯކަށް ގެންގޮސްފައިވާއިރު، މަދޫރޯގެ ސަރުކާރުގެ އެހެން އެއްވެސް އިސްވެރިޔަކު ނުގެންދިޔުމަކީ ގިނަ ބަޔެއްގެ ސުވާލު އުފެއްދި ކަމެކެވެ.

އުމުރުން 69 އަހަރުގެ ސީލިއާ، ވެނެޒުއޭލާގެ ސިޔާސީ ދާއިރާގައި ގިނަ ދުވަހު ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާއިރު، އެމެރިކާއަށް އޭނާ މުހިއްމުވީ މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ކޮރަޕްޝަނާއި ނެޕޮޓިޒަމްގެ ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވޭތީއެވެ.

އުމުރުފުޅުން 69 އަހަރުގެ ސީލިއާ ފްލޮރެސްއަކީ ވެނެޒުއޭލާގެ އެންމެ ނުފޫޒުގަދަ އެއް ޝަޚްސިއްޔަތުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެތައް އަހަރެއް ވަންދެން ގައުމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ސިޔާސީ ބޭފުޅެކެވެ. ވެނެޒުއޭލާގެ ނޭޝަނަލް އެސެމްބްލީގެ ރިޔާސަތު އެތައް އަހަރަކު ބެލެހެއްޓެވުމަށްފަހު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މަދޫރޯ ކާމިޔާބު ކުރެއްވުމުން، ވެރިކަމުގެ ބާރުތައް ވަރުގަދަކުރުމަށް އޭނާ އެހީތެރިވެދެއްވިއެވެ. ފަސްޓްލޭޑީގެ ހައިސިއްޔަތުން، މަދޫރޯ އޭނާއަށް "ފަސްޓް ވޯރިއާ" ގެ ނަން ދެއްވިއިރު، އޭނާއަކީ މަދޫރޯގެ އެންމެ މުހިންމު އެއް މުޝީރު ކަމަށާއި، މަދޫރޯގެ ސިޔާސީ ކާމިޔާބީގެ މޭސްތިރިޔާ ކަމަށް ބެލެވުނެވެ.

ސީލިއާ އާއި މަދޫރޯ ފުރަތަމަ ބައްދަލުވެފައިވަނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެއީ ސީލިއާ ޒުވާން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު، 1992 ވަނަ އަހަރު ގެނެވުނު ބަޣާވާތް ނާކާމިޔާބުވުމުން، އެކަމުގައި ބައިވެރިވި މީހުންގެ ދިފާއުގައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެވެ. އެއިރު މަދޫރޯ މަސައްކަތް ކުރެއްވީ ޗާވޭޒްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައެވެ. ޗާވޭޒްގެ ސިޔާސީ ހަރަކާތް ކަމަށްވާ 'ޗަވިސްމޯ' އާ ގުޅުނު ފަހުން، 1998 ވަނަ އަހަރު ޗާވޭޒް ރައީސްކަން ކާމިޔާބު ކުރެއްވުމާއެކު ސީލިއާ ސިޔާސީ ގޮތުން ހަލުވިކަމާއެކު ކުރިއަރައި، 2006 ވަނަ އަހަރު ނޭޝަނަލް އެސެމްބްލީގެ ލީޑަރަކަށް ވެވަޑައިގަތެވެ. ޗާވޭޒް އަވަހާރަވުމުން 2013 ވަނަ އަހަރު މަދޫރޯ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އެ ދެމީހުން ކައިވެނިކުރިއެވެ.

ސީލިއާއަށް އޭނާގެ މުޅި ސިޔާސީ ހަޔާތުގައި ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. 2012 ވަނަ އަހަރު، އޭނާގެ އާއިލާގެ ގިނަ ބަޔަކު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުންނަށް ވަޒީފާ ދިނުމުގައި ނުފޫޒު ފޯރުވި ކަމަށް ބުނެ، ވަޒީފާ އަދާކުރާ މީހުންގެ ޔޫނިއަންތަކުން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރިއެވެ. ވެނެޒުއޭލާގެ ނޫސްވެރިއެއް ކަމަށްވާ ހޯސޭ އެންރީކޭ އަރިއޯޖާ ވިދާޅުވި ގޮތުގައި، ސީލިއާއަކީ މަދޫރޯގެ އަމިއްލަ ދިރިއުޅުމުގެ އިތުބާރު ހުރި އެކުވެންޏެއްގެ އިތުރުން، މަސައްކަތުގެ މައިދާނުގައި ވެސް އެންމެ އިތުބާރު ކުރެވޭ މީހާ ކަމަށާއި، ބާރުވެރިކަމަށް ވަރަށް ބޮޑަށް ލޯބިކުރާ ބޭފުޅެއް ކަމަށެވެ.

ނޮވެމްބަރު 2015 ގައި، "ނާކޯ ނެފިއުސް"ގެ މައްސަލައިގެ ތެރެއަށް ސީލިއާ ވަނީ ކުއްލިއަކަށް ވަދެފައެވެ. އޭނާގެ ދެ ކޮއްކޮއެއްގެ ދަރިން ކަމަށްވާ ފްރެންސިސްކޯ ފްލޯރެސް ޑި ފްރެއިޓަސް އާއި އެފްރައިން އެންޓޯނިއޯ ކަމްޕޯ ފްލޯރެސް، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީ.އީ.އޭ) އިން ހައިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 800 ކިލޯގެ ކޮކެއިން އެމެރިކާއަށް އެތެރެކުރަން އުޅެނިކޮށެވެ. އެމީހުން 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، 2022 ވަނަ އަހަރު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އަނބުރާ ވެނެޒުއޭލާއަށް ފޮނުވާލާފައިވީ ނަމަވެސް، މިދިޔަ މަހު ޓްރަމްޕް ސަރުކާރުން ވަނީ އެ ދެމީހުންނާއި، އޭނާގެ ތިންވަނަ ކޮއްކޮއެއްގެ ދަރިއެއް ކަމަށްވާ ކާލޯސް އެރިކް މަލްޕިކާ ފްލޯރެސްއާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނުކޮށްފައެވެ.

ފްލޯރެސްއާ ދެކޮޅަށް އަލަށް ހާމަކުރި ދައުވާގައި، 2007 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި އެތައް ލައްކަ ޑޮލަރެއް ނެގިކަމަށް ތުހުމަތު ކުރެވެއެވެ. އެއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާއި ވެނެޒުއޭލާގެ ނޭޝަނަލް އެންޓި-ޑްރަގް އޮފީހުގެ ޑިރެކްޓަރާ ބައްދަލުކޮށްދިނުމަށްޓަކައެވެ.

ޗެތަމް ހައުސްގެ ލެޓިން އެމެރިކާ ޕްރޮގްރާމްގެ ސީނިއާ ފެލޯ ކްރިސްޓޮފާ ސަބަޓީނީ ވިދާޅުވާ ގޮތުގައި، ސީލިއާ އަކީ ކޮރަޕްޝަން އިންތިހާއަށް އޮތް، އިންސާނީ ހައްގުތަކަށް އަރައިގަންނަ، އަނިޔާވެރި ސަރުކާރެއްގެ މުހިންމު ބައެކެވެ. ސީލިއާ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއިރު، އޭނާގެ ފިރިކަލުންނާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ހަތިޔާރުގެ ދައުވާތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު އޭނާއަށް ފަސޭހައިން އެމެރިކާގެ އަތްދަށުން ސަލާމަތް ވާނެ ކަމަކަށް ނުބެލެވެއެވެ.