ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މިއަދު އެކަނިވެސް ޣައްޒާގައި 19 މީހަކު ޝަހީދު ކޮށްލައިފި، ކާއެތިކޮޅެއް ނުލިބި ކުޑަކުދިންދަނީ މަރާ ހަނގުރާމަކުރަމުން!

ބްރޭކިން ނިއުސް
ބްރޭކިން ނިއުސް

ޔަހޫދީން އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް 19 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ މެޑިކަލް އޮފިސަރުންނާއި ހަވާލާދީ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ނެރުނު ބަޔާނުގައި ވަނީ ކާއެތިކޮޅެއް ނުލިބި ކުޑަކުދިން މަރުވެދާނެކަމަށް އިންޒާރު ދީފައެވެ.

އޭގެ އިތުރުން ގާޒާގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދިއުން އިތުރަށް ނުރައްކާތެރިވެ, ހާލަތު ގޯސްވެފައިވާތީ ގާޒާގައި ހަރަކާތްތެރިވާ 43 ބައިނަލްއަގުވާމީ އަދި ފަލަސްތީންގެ އެހީ ދޭ ގުރޫޕުތަކުގެ ތެރެއިން ގާތްގަނޑަކަށް 95 ޕަސެންޓް ގުރޫޕުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

“ގާޒާގެ ކުޑަކުދިން ދުވާލަކު އެއްއިރު ކައިގެން ތިބޭއިރު އަނެއް ދުވަހު ކާނެ އެއްޗެއް ހޯދުން ވަނީ ތަކުލީފަކަށް ވެފައި. އެންމެންވެސް ކާން މަޖުބޫރުވެފައިވަނީ ދަޅުގައި ބަންދުކުރި ކާނާ. ކާނާ ލިބުމުން ދަތިވެ ގާޒާގައި ވަނީ ބަޑުހައިހޫނުކަން ކުރިމަތިވެފައި,” ގާޒާގައި ހަރަކާތްތެރިވާ އޮކްފާމްގެ ޕޮލިސީ ހެޑް ބުޝްރާ ހަލީލް ވިދާޅުވި އެވެ.

ގާޒާގައި ހަރަކާތްތެރިވާ ޑޮކްޓާސް ވިތްއައުޓް ބޯޑާސްގެ އެމަޖެންސީ ކޯޑިނޭޓަރު އަމާންޑޭ ބަޒެރޯލް ވިދާޅުވި ގޮތުގައި އެހީ ފޯރުކޮށްދެވޭނެ ގޮތެއް ނެތި, ގޮތްހުސްވެފައި ތިބި ގާޒާގައި ހަރަކާތްތެރިވާ އެހީ ދޭ ފަރާތްތަކަށް ގާޒާގެ ރައްޔިތުން, ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ބަނޑަށް މަރުވާތަން ބަލަން މަޖުބޫރުވެފައިވާ ކަމަށެވެ.

ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަމީ 60،000 މަތީގައެވެ. މީގެ ތެރޭގައި ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.