ބުދަ، 18 ނޮވެމްބަރު 2026
ދީން

އިންސާނާގެ ހިތް ފަސާދަވަނީ ކީއްވެ؟

ޢިލްމު އުނގެނުމަކީ ޙުއްޖަތެކެވެ. އަދި އެ ޢިލްމާއިގެން ތެދުވާމީހާގެ ދަރަޖަ އުފުއްލަވައެވެ.
ޢިލްމު އުނގެނުމަކީ ޙުއްޖަތެކެވެ. އަދި އެ ޢިލްމާއިގެން ތެދުވާމީހާގެ ދަރަޖަ އުފުއްލަވައެވެ.

އިސްލާމް ދީނުގައި ޢިލްމާއި، ޢިލްމުގެ އަހުލުވެރިންނަށް ވަނީ މަތިވެރި ދަރަޖަތަކެއް ދެއްވައިފައެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އަމުރުފުޅަކީ ﴿اقْرَأ﴾ "ކިޔާށެވެ!" އޮތް އަމުރުފުޅެވެ. ހަމަ އެ ފަދައިން العَلِيْم "ދެނެވޮޑިގެންވުން" އެއީ މާތް ﷲގެ ސިފަފުޅެކެވެ. އަދި ޢިލްމު އިތުރުކޮށް ދެއްވުންއެދި ދުޢާ ކުރުމަށް ﷲ وتعالى ވަނީ އަމުރު ކުރައްވާފައެވެ. ﴿وَقُل رَّبِّ زِدْنِي عِلْمًاﱠ﴾ (طه: ١١٤) މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަޅުގެ ރައްބެވެ! އަޅާއަށް ޢިލްމު އިތުރުކޮށް-ދެއްވާނދޭވެ!" ޢިލްމު ނޫން އެހެން އެއްވެސް އެއްޗެއް އިތުރުކޮށްދެއްވުންއެދި ދުޢާކުރުމަށް އެ އިލާހު އަންގަވާފައެއް ނުވެއެވެ.

މި ކަންކަމުން، އިސްލާމް ދީނުގައި ޢިލްމުގެ މަކާނަތު ސާފުކޮށް ބަޔާންކޮށްދެއެވެ. ހަމަ އެ ފަދައިން ޢިލްމުވެރިން ވަނީ ދަރަޖަތަކަކަށް އުފުއްލަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾ (المجادلة: ١١) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން، މާތް ﷲ، ދަރަޖަތަކަކަށް އުފުއްލަވާނެތެވެ". މި އާޔަތާމެދު އިބްނު ތައިމިއްޔާ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

ޢިލްމު ލިބިގެންވާ މީހުންނާއި އީމާންވި މީސްތަކުން ދަރަޖަތަކަކަށް އުފުއްލެވުމުގައި ޚާއްޞަ ކުރައްވާފައިވަނީ، އެއީ އެބައިމީހުންނަކީ، ﷲގެ އެއްކައުވަންތަކަމަށް ހެކިވާ ބަޔަކު ކަމުގައި ވާތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ﴾ (آل عمران: ١٨) މާނައީ: "ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިން ވެސް (އެކަމަށް) ހެކިވިއެވެ." އަދި އެބައިމީހުންނަކީ ރަސޫލު ﷲ صَلَى اللهُ عَلَيْهِ وَسَلَّمގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަކީ ޙައްޤު ތެދުކަން ޤަބޫލުކުރާ މީހުންނެވެ. ﴿وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ الْحَقَّ﴾ (سبأ: ٦) މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅު ކަމުގައި، ޢިލްމުލިބިގެންވާ މީހުން ދެކޭނެތެވެ." މި ބަސްފުޅުތަކުން ދޭހަވާ ގޮތުގައި ޢިލްމު އުނގެނުމަކީ ޙުއްޖަތެކެވެ. އަދި އެ ޢިލްމާއިގެން ތެދުވާމީހާގެ ދަރަޖަ އުފުއްލަވައެވެ.

ޢިލްމު ހޯދުމަށް މަގެއް ހޯދައިފި މީހާ ސުވަރުގެ ދިޔުމަށް މަގުފަހިކޮށްދެއްވާނޭ ކަމުގައި ކީރިތި ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވާފައެވެ. އަދި އުޑުތަކާއި ބިމުގައިވާހާ ފަރާތެއް ޢިލްމުގެ އަހުލުވެރިންނަށް ފާފަ ފުއްސަވައިދެއްވުންއެދި ދުޢާ ކުރާނޭކަމުގައި ވެސް އެ މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކުރައްވާފައެވެ.