ބުދަ، 18 ނޮވެމްބަރު 2026
ދީން

2024: ދީނީ ޝިޢާރު ފުޅާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގި އަހަރެއް

2024: ދީނީ ޝިޢާރު ފުޅާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގި އަހަރެއް

ފާއިތުވި 2024 ވަނަ އަހަރަކީ ދީނީ ޝިއާރު ފާޅުކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، މީގެ ކުރިން ދުވަހަކުވެސް މަސައްކަތް ނުކުރެވޭހާ ގިނައިން މަސައްކަތްކުރިއަހަރެކެވެ. އަދި ރާއްޖޭގެ ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރެއްވި އަހަރެކެވެ.

ފުރަތަމަ ފަހަރަށް "ޒަކާތު ހައުސް" އުފައްދައި ޒަކާތާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއްވެސް ފެށިއެވެ. ފުރަތަމަ ފަހަރަށް ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ މިންގަނޑެއް އާންމުކުރިއެވެ. މި ހުރިހާ މަސައްކަތާއެކު ޒަކާތު ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާވި އަހަރަކީ ނިމުނު 2024 ވަނަ އަހަރެވެ.

ފަޤީރުން ޙައްޖަށް ފޮނުވުން


ފަސް އަހަރުގެ ތެރޭގައި 1000 ފަޤީރުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ 50 ފަޤީރަކު 2024 ވަނަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށް ފޮނުވާފައެވެ. މިއީ ދައުލަތުން ޚަރަދުކޮށްގެން ރާއްޖޭގައި ފަގީރުން ޙައްޖަށް ފޮނުވި ފުރަތަމަ ފަހަރެވެ.


ރާއްޖެއިން ހައްޖަށް މީހުންގެންދަން ލިބޭ ހުރިހާ ކޯޓާއެއް ހައްޖުކޯޕަރޭޝަނާ ހަވާލުކޮށް މިދިޔަ އަހަރު ރާއްޖެއިން ހައްޖަށްދިޔަ އެންމެންވެސް އެއަޅުކަން އަދާކުރުމަށް ސައުދީއަށް ގެންދިޔައީ އެކޯޕަރޭޝަނުންނެވެ. ޙައްޖަށް ދިޔުމުގެ ފުރުޞަތު މިހާރު ކޮންމެ މީހަކަށްވެސް ލިބޭއިރު ފުރަތަމަ ފަހަރަށް ޙައްޖުވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން އެ ފުރުޞަތު ދިނުމާ ގުޅޭގޮތުން އާންމުގެ ޚިޔާލު ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ޙައްޖުގެ އިތުރަށް އުމްރާއަށް މީހުން ގެންދިޔުމުގައިވެސް ލުއިފަސޭހަތް ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ކުރިން ވަކި މުއްދަތެއްގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ކުންފުނިތަކަށް ދިންނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ހުއްދައަށް އެދެވޭގޮތް ވަނީ ހަމަޖައްސާފައެވެ.

ކީރިތި ޤުރުއާންގެ ޢިލްމު ފުޅާކުރުން


ކީރިތި ޤުރުއާނުގެ އިލްމު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގަން ވަނީ ފަށާފައެވެ.


މީގެ އިތުރުން ހާފިޒުކަމުގެ ސަނަދު ދިނުމަށް ވަކި ޚާއްސަ ހަފްލާއެއް ބާއްވަން ނިންމައި ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭގައި އެހަފްލާ ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޤުރުއާން މުބާރާތްތައް ބޭއްވުމާއި ރާއްޖެއިން ބޭރުގައި އޮންނަ މުބާރަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ އަހަރުވެސް ދީފައިވެއެވެ.

ކީރިތި ޤުރުއާންގެ ޢިލްމް ފުޅާކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒެއް ވަކި އިމާރާތެއްގައި ބިނާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.