ބުދަ، 18 ނޮވެމްބަރު 2026
ދީން

އަމާންކަން ލިބޭނީ އިސްލާމީ ވެށިންނެވެ!

އަމާންކަން ލިބޭނީ އިސްލާމީ ވެށިންނެވެ!

الشَّيْخ مُحَمَّدُ أَفْضَل

އިންސާނީ ހަމަޖެހުމަށް ބޭނުންވާ އަމާންކަން އޮތީ އިސްލާމީ ވެށީގައެވެ. އެ ވެށީގައި މީސްތަކުންގެ މުދާ ހިމާޔަތް ވެއެވެ. ވެރިންނަށް އިޙްތިރާމާއި ޤަދަރު ލިބެއެވެ.

މުސްކުޅިންނަށް އަޅާލުމާއި ޝަރަފު ލިބެއެވެ. ދަރިންނަށް އޯގާތެރިކަމާއި ކުލުނު ވެއެވެ. އަންހެނުންނަށް ޢިއްޒަތާއި ހިމާޔަތް ދެއެވެ. މުޅި މުޖުތަމަޢު މަސަލަސްވެ އަމާން ވެއެވެ. އިސްލާމީ ވެށީގައި އޮތް އަމާން ކަމަކީ އިންސާނީ ޠަބީޢަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ سُبْحَانَهُ وَتَعَالَى ކަނޑައެޅުއްވި ޝަރީޢަތެވެ. އެއީ އިންސާނާ ދިރިއުޅެންވީ މަންހަޖެވެ. އޭގައި އެ އިންސާނާ އަށް ރަނގަޅު ހުރިހާ ކަމެއް ހުއްދަ ކުރައްވައި، އޭނާ އަށް ނުރަނގަޅު އެންމެހައި ކަންކަން ވަނީ މަނާވެގެންނެވެ.

އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ މަތިވެރި އިލާހީ ޙިކްމަތްފުޅެއް ވާތީ ތިބާ އަށް ފެންނާނެއެވެ. އިސްލާމީ ޝަރީޢަތާ އިދިކީލި ނުވާ، އަދި ރައްޔިތުންދެކެ ލޯބިވާ ވެރިމީހާ އަށް އިޙްތިރާމާއި ޤަދަރު ކުރަންޖެހެއެވެ. އެފަދަ ވެރިންނަށް ނުކިޔަމަންތެރި ވާ މީހާ އަށް ބިންމަތީ ފަސާދަ ކުރި ކަމުގެ އަދަބު ދެވެއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ކުރާނެ އަމާން ވެއްޓެއް ވެރިންނަށް ލިބެއެވެ. މީސްތަކުންގެ މުދާ ނަޙައްޤުން ފޭރި، ވައްކަންކުރާ މީހާ މުޖުތަމަޢަށް ދޫކުރެވެނީ އޭނާގެ އަތް، ކުޑަހުޅުން ކަނޑައިލުމަށް ފަހުއެވެ. އެއީ އެހެން މީހުންނަށް ހުރި ޢިބުރަތެއްގެ ގޮތުގައެވެ. އަދި އޭނާ ދިރުއުޅުމުން މަޙުރޫމު ނުކުރުމަށެވެ.

މި ކަންކަމުގެ ސަބަބުން މީސްތަކުންގެ މުދަލަށް އަމާން ވެއްޓެއް ޤާއިމުވެގެން އާދެއެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ނަގައިލައި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، ޒިނޭކުރާމީހުން ޢަދުލުގެ ކުރިމަށްޗަށް ހާޒިރުކޮށް، ކުށް ސާބިތުވާނަމަ އެ މީހުންގެ ގައިގައި ހައްދުގެ އެތިފަހަރުތައް ޖަހަނީ މުޖުތަމަޢުގެ ކުޑަކުދިންނާއި، އަންހެނުންނާއި، މުޅި ޢާއިލާ އަށް އަމާން ވެއްޓެއް ހޯދައިދިނުމަށެވެ. ހައްދު ޖަހާއިރު މުއުމިނުންގެ ބަޔަކު އެ މަންޒަރުބަލަން ޖެހެނީ އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށެވެ.

މުޖުތަމަޢުގައި އަމާންކަން ދެމެހެއްޓުމަށެވެ. ނިޒާމެއްގެ ގޮތުން މިއަށްވުރެ ވަކިން ފުރިހަމަ ޝަރީޢަތެއް އޮންނާނެ ތޯއެވެ؟ އެކަން އެނގޭނީ މި ޝަރީޢަތް ތަޖުރިބާ ކުރި ބަޔަކަށެވެ. އިސްލާމްދީނުގެ ސަލަފުން ވަނީ އެކަން ތަޖުރިބާ ކުރައްވާފައެވެ. އިސްލާމީ ތަރަހައިގެ ތެރެއަށް އެކީއެކަށް ވަދެގެން މެނުވީ އެކަން ތަޖުރިބާ ނުކުރެވޭނެއެވެ. އަމިއްލަ ނަފްސާއި ތިމާގެ އަހުލުންގެ ކިބައިގައި އިސްލާމީ ރިވެތި އުސޫލުތައް ޤާޢިމު ކުރާށެވެ!