ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާއިން ޕާކިސްތާނަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރާއިއެކު، ސަރަހައްދީ ބޮޑު ބިރުވެރިކަމަކަށް!

އިންޑިއާއިން ޕާކިސްތާނަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރާއިއެކު، ސަރަހައްދީ ބޮޑު ބިރުވެރިކަމަކަށް!

އިންޑިއާއިން ޕާކިސްތާނަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލިބިއްޖެ ކަމަށް ޕާކިސްތާނުގެ އިންޓެލިޖެންސުން ބުނެފިއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓަރު އަޓައުﷲ ތަރާރު ވިދާޅުވެފައިވަނީ، އިތުބާރުހުރި އިންޓެލިޖެންސް މަޢުލޫމާތުގެ އަލީގައި، ކުރިއަށް އޮތް 24 ނުވަތަ 36 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް އަމާޒުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި އިންޒާރު ދެވިފައިވަނީ، އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހުގެ ފަތިހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ތަރާރު ވިދާޅުވެފައިވަނީ، ފާއިތުވި ހަފުތާގައި ޕަހަލްގާމްގައި ހިނގި، 26 ފަތުރުވެރިން މަރުވި ހާދިސާ "ދޮގު ބަހަނާއެއްގެ" ގޮތުގައި ބޭނުންކޮށްގެން އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދޭން އުޅޭ ކަމަށެވެ. އެހެންނަމަވެސް، މިނިސްޓަރު މި ދަޢުވާ ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި އިންޑިއާ ސަރުކާރުން މި ތުހުމަތުތަަކާ ގުޅޭގޮތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

"އަދާވާތްތެރި ކޮންމެ ޢަމަލަކަށް ހަރުކަށި ޖަވާބެއް ދެވޭނެ. ސަރަޙައްދުގައި އެއްވެސް ނުރައްކާތެރި ނަތީޖާއެއް ނުކުމެއްޖެނަމަ އޭގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އިންޑިއާއިން،" ތަރާރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވެސް ހޯމަ ދުވަހު ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވެފައިވަނީ، އިންޑިއާއިން އަސްކަރީ ހަމަލާއެއް ދިނުމަކީ "ކައިރި މުސްތަޤުބަލެއްގައި" ހިނގާނެ ކަމެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިސްލާމާބާދުގައި ވަނީ މަތީ ފެންވަރުގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް "އަހަރެމެންގެ ވުޖޫދަށް ސީދާ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ" މެނުވީ ނިއުކްލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

އޭޕްރިލް 22 ގައި ފަރުބަދަމަތީ ރިސޯޓެއް ކަމަށްވާ ޕަހަލްގާމްގައި ދިން ހަމަލާއާ ޕާކިސްތާނާ ގުޅުން ހުރި ކަމަށް އިންޑިއާއިން ބުނުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވާއިރު، ދެ ޤައުމުގެ ސަރުކާރުތަކުން ވެސް އެއްބަޔަކު އަނެއްބަޔަކަށް އިލްޒާމު އަޅުވަމުންދެއެވެ.