ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ހުރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއަޅަމުން ދިއުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުތަނުން އުފުލި، އިޤްތިޞާދީ ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޞަހްޔޫނީން ގުޅިގެން ފެބުރުވަރީ މަހުގެ ފަހުކޮޅު ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލުގެ އުޅަނދުފަހަރަށް އެ ސަރަޙައްދު ބަންދުކޮށްފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ.

މިދިޔަ އޭޕްރިލް 8 ވަނަ ދުވަހު ދެ ފަރާތުން އެއްބަސްވި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އޮތީ ނިންމާފައެވެ. ނަމަވެސް، ލުބްނާނުގެ ޢާންމުންނާ ދެކޮޅަށް ޞަހްޔޫނީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓާނުލުމުން، އީރާނުން ވަނީ ކަނޑުއޮޅި ހުޅުވައިލުމަށް ދެކޮޅު ހަދާފައެވެ. މިއާއެކު، އޭޕްރިލް 10 ގައި ފެށުމަށް ހަމަޖެހިފައި އޮތް ސުލްޙައިގެ މަޝްވަރާތަކަށް ވެސް މިވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މަސްރަޙު ގޯސްވަމުންދާތީ، ތެލުގެ އަގު ކަނޑައަޅާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ %0.87 އުފުލި، ފީފާއެއްގެ އަގު 96.75 އެމެރިކާ ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން އެމެރިކާގެ ބާޒާރުގައި ވެސް ތެލުގެ އަގު ވަނީ އެއް އިންސައްތައަށް ވުރެ މައްޗަށް ޖެހިލާފައެވެ. ކަނޑުއޮޅި ހުޅުވުން ލަސްވަމުންދާތީ ރައީސް ޓްރަމްޕް ވަނީ ތެހްރާނަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި ހުރްމުޒް ހުރަސްކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް އީރާނުން ކުރާ މަސައްކަތާ ދެކޮޅަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

މި ހަނގުރާމައިގެ ރައްދުގައި އީރާނުން ދަނީ ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޞަހްޔޫނީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާދެމުންނެވެ. މި ޙަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ އުފެއްދުން ދުވާލަކު 600,000 ފީފާއަށް ދަށްވެފައިވާއިރު، އެ ޤައުމުގެ ތެޔޮ ހޮޅިތަކުން ދައުރުކުރާ މިންވަރު ވެސް ވަނީ ދުވާލަކު 700,000 ފީފާއިން އުނިވެފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މިހާ ބޮޑު ލޮޅުމެއް އައީ ޓްރަމްޕާއި ޞަހްޔޫނީން ގުޅިގެން ފެށި އިސްތިޢުމާރީ ހަނގުރާމައިގެ ސަބަބުންނެވެ.