ޓްރަމްޕާ އަހަރެން ބައްދަލުކުރުވީ އެޕްސްޓީނެއް ނޫން، އެޕްސްޓީނާ އެއްވެސް ގުޅުމެއް ނެތް: މެލާނިއާ
މަރުވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއަކީ އެކަމަނާ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރުވައި ތައާރަފްކޮށްދިން މީހާ ނޫން ކަމަށާއި، އެޕްސްޓީންއާ އެއްވެސް ގާތް ގުޅުމެއް ނޯންނާނެ ކަމަށް އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި މެލާނިއާ ވަނީ އެކަމަނާއާ ބެހޭގޮތުން ފެތުރެމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ވަރަށް ވަރުގަދައަށް ދޮގުކުރައްވާފައެވެ.
މެލާނިއާ މި ބަޔާން ދެއްވާފައިވަނީ، ޖަސްޓިސް ޑިޕާޓްމަންޓުން ދާދި ފަހުން އާންމުކުރި އެފްބީއައިގެ އިންޓަވިއު ރިޕޯޓެއްގައި ޓްރަމްޕާއި މެލާނިއާ ބައްދަލުކޮށްދިނީ އެޕްސްޓީން ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. މި ތުހުމަތުތަކާ ގުޅިގެން މެލާނިއާ ވިދާޅުވީ އެކަމަނާއަކީ އެޕްސްޓީންގެ "ޝިކާރައެއް" ނޫން ކަމަށާއި، އެޕްސްޓީން އޭނާގެ ޝިކާރައަކަށްވި މީހުންނަށް ކުރި އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް އެކަމަނާއަށް ދުވަހަކުވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
Ads by BMLމީގެ އިތުރުން، އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު އަންހެނުންނަށް ކޮންގްރެސްގެ ހާއްސަ އަޑުއެހުމެއްގައި ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމަށްވެސް މެލާނިއާ ވަނީ ގޮވާލައްވާފައެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު އާންމުކުރި އެޕްސްޓީންގެ ފައިލްތަކުގައި މެލާނިއާ އާއި ޑޮނަލްޑް ޓްރަމްޕްގެ ނަން ހިމެނިފައިވީ ނަމަވެސް، ރައީސް ޓްރަމްޕްވެސް ވަނީ އެއްވެސް ގޯސް އަމަލެއް ހިންގާފައިވާނެކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެޕްސްޓީންއާ އެކު ކުށުގައި ބައިވެރިވި ގިލެއިން މެކްސްވެލްއާ ދެމެދު ބަދަލުކުރެވުނު އީމެއިލްތަކަކާ ގުޅިގެން މެލާނިއާ ވިދާޅުވީ، އެއީ ހަމައެކަނި "އަދަބުވެރިކަމުގެ ގޮތުން" ބަދަލުކުރެވުނު ކުރު މުއާމަލާތްތަކެއް ކަމަށެވެ. "އޭނާގެ އީމެއިލަށް އަޅުގަނޑު ދިން އަދަބުވެރި ޖަވާބަކީ އާދައިގެ ކުރު ނޯޓެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނޫން،" އެކަމަނާ ވިދާޅުވިއެވެ.
މެކްސްވެލްގެ މައްޗަށް 2021 ވަނަ އަހަރު ޖިންސީ ވަގުފާރީގެ ކުށް ސާބިތުވެ، މިހާރު ދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މެލާނިއާ ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެޕްސްޓީންގެ އެއްވެސް މުޑުދާރު އަމަލެއްގެ މައުލޫމާތު އެކަމަނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
Ads by MACL
