ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އީރާނަށްދޭ ހަމަލާތައް އިހުނަށްވުރެ ވަރުގަދަވާނެ: ޓްރަމްޕް

މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އީރާނަށްދޭ ހަމަލާތައް އިހުނަށްވުރެ ވަރުގަދަވާނެ: ޓްރަމްޕް

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ފަށާ މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެ، އެކަން ނާކާމިޔާބުވެއްޖެ ނަމަ، އީރާނާ ދެކޮޅަށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ފަށާނެ ކަމަށާއި، އެ ފަދަ ހަމަލާތަކެއް އިހުނަށްވުރެ މާވަރުގަދަ ވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ބާއްވާ ސީދާ މަޝްވަރާތައް މިއަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ބާއްވާ މި "ހައި ސްޓޭކް" ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާގެ މަންދޫބުން މިހާރު ތިއްބެވީ ޕާކިސްތާނަށް ދަތުރުކުރައްވާ މަގުމަތީގައެވެ.

ނިއު ޔޯކް ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، ޕާކިސްތާނުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކުން އަލިމަގެއް ނުފެނިއްޖެ ނަމަ، އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް އީރާނަށް ހަމަލާދިނުމަށް ފަށާނެ ކަމަށެވެ. އަދި މިފަހަރު އެމެރިކާ އިން އަންނަނީ ކުރިއަށްވުރެ ފުރިހަމައަށް އަސްކަރީ ގޮތުން ތައްޔާރުވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރުމެން މި އަންނަނީ ހުރިހާ ކަމެއް ރީސެޓް ކުރަމުން. ބޯޓުފަހަރަށް އެންމެ ޒަމާނީ ހަތިޔާރާއި އެންމެ މޮޅު ބަޑިތައް މިދަނީ ޖަމާކުރަމުން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުރިން ކުރި ހަނގުރާމައަށް ވުރެ މިފަހަރުގެ އޮޕަރޭޝަންތައް މާ ފުރިހަމަވެފައި، ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

މި މަޝްވަރާތަކަށް ޕާކިސްތާނުން ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނައިރު، މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް ޓްރަމްޕްގެ މި އިންޒާރާއެކު މަޝްވަރާތަކަށް ވަނީ އިތުރު ނުތަނަވަސްކަމެއް ވެރިވެފައެވެ.