އާރޓެމިސް 2 ގެ ތޭރަ މިނެޓުގެ ނޭވާ ހިފަހައްޓާލަންޖެހޭ ދަތުރު: އިންސާނިއްޔަތަށް ކުރިމަތިވާ ބޮޑު އިމްތިޙާނެއް
2026 ވަނަ އަހަރުގެ އެޕްރީލް 11 ވާ ހޮނިހިރު ދުވަހު (މިރޭ)ގެ ފަތިހު، އިންސާނިއްޔަތު ހެކިވާނީ ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ބިރުވެރި އަދި އެހާމެ ނުރައްކާތެރި 13 މިނެޓަށެވެ.
އެމެރިކާގެ ނާސާގެ އާރޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރަނޯޓުން، ﷲ މިންވަރުކުރެއްވި މި ބޮޑު އިމްތިޙާނާ ކުރިމަތިލާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 4:53 ގައެވެ. މި ވަގުތަކީ ދުނިޔޭގެ ޖައްވީ ތާރީޚުގައިވެސް އިންސާނީ ކުޅަދާނަކަމަށްވުރެ ބޮޑަށް، ކާއިނާތުގެ ވެރި އިލާހުގެ ކުޅަދުންވަންތަކަން މުޅި ދުނިޔެއަށް ހަނދާންކޮށްދޭނެ ވަގުތުކޮޅެކެވެ.
މަޢުލޫމާތު ލިބޭގޮތުގައި، ހަނދުގެ ވަށައިގެން ކުރި ދަތުރަށްފަހު އެނބުރި އަންނަ އާރޓެމިސް 2 ގެ އުޅަނދު ދުނިޔޭގެ ޖައްވަށް ވަންނާނީ ގަޑިއަކު ގާތްގަނޑަކަށް 38,000 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިއީ އާދައިގެ ދުވެއްޔެއް ނޫނެވެ. މި ބާރުމިނުގައި ދަތުރުކުރާއިރު، އުޅަނދުގެ ބޭރުގައި އުފެދޭ ވައިގެ ގަދަ ފިއްތުންތަކުގެ ސަބަބުން ހޫނުމިން 5,000 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާނެއެވެ.
Ads by BMLއުޅަނދުގެ ތެރޭގައި ތިބި ހަތަރު ފުރާނައިގެ ސަލާމަތްތެރިކަން މި ވަގުތު ބަރޯސާވެފައި އޮންނާނީ ހަމައެކަނި އިންޖިނިއަރިންގްގެ ފަރުމާތަކަކަށް ނޫނެވެ. އެއީ ﷲގެ އިރާދަފުޅާއެކު، އިންސާނާގެ ނިކަމެތިކަން އިޙްސާސްވާނެ ވަގުތެކެވެ. އުޅަނދު ޖައްވުގެ ތެރެއަށް ވަންނަ ހަނި މަގުން ކުޑަކޮށްވެސް ކަސިޔާރުވެއްޖެނަމަ، އުޅަނދު ވިއްސައިގެން ދިއުމުގެ ނުވަތަ އަނދައި އަޅިއަށްވުމުގެ ބިރު އޮތްއިރު، އެމީހުންގެ ހަމައެކަނި އައްޑަނައަކީ 'ހީޓް ޝީލްޑް' އެވެ. މީގެ ކުރީގެ ޓެސްޓުތަކުގައި މި ފަށަލައަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވުމަކީ، މި ދަތުރުގެ ނުރައްކާތެރިކަން އިތުރުކޮށްދޭ ކަމެކެވެ.
މި ދަތުރުގެ އެންމެ ބިރުވެރި ވަގުތަކީ މުވާޞަލާތީ ގުޅުން މުޅިން ކެނޑިގެންދާ 'ބްލެކްއައުޓް' ގެ 13 މިނެޓެވެ. އުޅަނދުގެ ވަށައިގެން އުފެދޭ އަލިފާނުގެ ފަށަލައިގެ ސަބަބުން ދުނިޔެއާ އެއްވެސް ގުޅުމެއް ނުބޭއްވޭނެއެވެ. މި ވަގުތަކީ ހަމައެކަނި ﷲ އަށް ވަކީލުކޮށްގެން ތިބޭނެ ވަގުތެކެވެ.
ހުރިހާ ކަމެއް ރަނގަޅަށް ދިއުމަށް މުޅި ދުނިޔެ އުންމީދު ކުރަމުންދާއިރު، އެމީހުންގެ މަންޒިލަކީ ޕެސިފިކް ކަނޑެވެ. ވައިކުޑަތައް ހުޅުވި، ސަލާމަތުން ކަނޑަށް ޖެއްސުމާ ހަމައަށް ހޭދަވާ ކޮންމެ ސިކުންތަކީ ﷲގެ ރަޙްމަތަށް އެދި ދުޢާކުރަންޖެހޭ ވަގުތެކެވެ. އިންސާނުން ކިތަންމެ މޮޅަށް ރޭވުންތައް ރޭވިކަމުގައިވިޔަސް، އެންމެ މޮޅަށް ރާއްވަވައި، ހުރިހާ ކަމެއްގެ ނިމުން ކަނޑައަޅުއްވަނީ ﷲ އެވެ.
މި ތާރީޚީ މިޝަންގެ ބައިވެރިން ސަލާމަތުން ދުނިޔެއަށް އެނބުރި އައުމަކީ މުޅި އިންސާނިއްޔަތުގެ ދުޢާއެވެ.
Ads by MACL
