ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އާޓެމިސް 2 ގެ ފަޅުވެރިން ރެކޯޑް ދަތުރަކަށްފަހު ސަލާމަތުން ދުނިޔެއަށް

އޮރަޔަން ޖައްވީ އުޅަނދުގައި ހަނދުގެ ސަރަހައްދަށް ދަތުރުކުރި އެސްޓްރޮނޯޓުން (ކަނާތުން ވާތަށް) ޖެރެމީ ހެންސަން، ކްރިސްޓީނާ ކޯޗް، ވިކްޓާ ގްލޯވާ، އަދި ރީޑް ވައިޒްމަން (މިޝަން ކޮމާންޑަރު) (ކެނެޑާ ސްޕޭސް ސެންޓަރު
އޮރަޔަން ޖައްވީ އުޅަނދުގައި ހަނދުގެ ސަރަހައްދަށް ދަތުރުކުރި އެސްޓްރޮނޯޓުން (ކަނާތުން ވާތަށް) ޖެރެމީ ހެންސަން، ކްރިސްޓީނާ ކޯޗް، ވިކްޓާ ގްލޯވާ، އަދި ރީޑް ވައިޒްމަން (މިޝަން ކޮމާންޑަރު) (ކެނެޑާ ސްޕޭސް ސެންޓަރު

ހަނދުގެ ސަރަހައްދަށް ކުރި ތާރީޚީ ދަތުރު ނިންމާލުމަށްފަހު، އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ސަލާމަތުން ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.

ނުރައްކާތެރި އަދި އެހާމެ ހޫނުގަދަ މާހައުލެއްގެ ތެރެއިން ދުނިޔޭގެ ޖައްވަށް ވަދެ، މި ފަޅުވެރިން ވަނީ އިންސާނީ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް އިންސާނަކު ދަތުރުނުކުރާހާ ދުރަށް ގޮސް، އައު ސަފުހާއެއް ލިޔެފައެވެ.

އޮރަޔަން އުޅަނދު ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެގަތީ ގަޑިއަކު ގާތްގަނޑަކަށް 40،000 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މި ދަތުރުގައި ގާތްގަނޑަކަށް ހަ މިނިޓް ވަންދެން 2،700 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުގެ ތެރޭގައި އުޅަނދު ހޭދަކުރިއިރު، ދުނިޔެއާ އޮތް މުވާސަލާތީ ގުޅުން މުޅިން މެދުކެނޑުނެވެ. ނޭވާ ހިފަހައްޓާލަން ޖެހުނު މި ވަގުތުކޮޅަށްފަހު، އުޅަނދު ވަނީ ޕެސިފިކް ކަނޑަށް ކާމިޔާބުކަމާއެކު ޖައްސާފައެވެ.

އޮރަޔަން އުޅަނދު ދުނިޔޭގެ ޖައްވަށް ވަނުމާ އެކު ވައިކުޑަތަކުގެ އެހީގައި ކަނޑަށް ވެއްޓެނީ (ފޮޓޯ/ނާސާ)

މި މިޝަންގައި ބައިވެރިވި ހަތަރު އެސްޓްރޮނޯޓުންނަކީ:

  • ރީޑް ވައިޒްމަން (މިޝަން ކޮމާންޑަރު)

  • ވިކްޓާ ގްލޯވާ

  • ކްރިސްޓީނާ ކޯޗް

  • ޖެރެމީ ހެންސަން (ކެނެޑާ)

ނާސާއިން ހާމަކުރި ގޮތުގައި، އެމެރިކާގެ ސެން ޑިއެގޯއާ 30 ކިލޯމީޓަރު ބޭރަށް އުޅަނދު ޖެއްސުމާއެކު، އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ހެލިކޮޕްޓަރުގައި އެސްޓްރޮނޯޓުން ސަލާމަތްކޮށްފައެވެ. ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅެވެ.

ޖުމްލަ 9 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވި މި ދަތުރުގައި އާޓެމިސް 2 ވަނީ މުހިންމު ރެކޯޑްތަކެއް ގާއިމްކޮށްފައެވެ. އެގޮތުން، ދުނިޔެއާ 406,771 ކިލޯމީޓަރު ދުރަށް ދަތުރުކޮށް، އިންސާނަކު ދުނިޔެއާ އެންމެ ދުރަށް ދިޔަ ރާސްތާގެ ރެކޯޑް މި މިޝަންއިން ވަނީ އާކޮށްފައެވެ. މީގެ އިތުރުން މިއީ ހަނދުގެ އަނދިރި ފަރާތަށް އިންސާނުން ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މި ދަތުރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އޮރަޔަންގެ ހީޓްޝީލްޑެވެ. މީގެ ކުރިން ކުރި 'އާޓެމިސް 1' ގެ ދަތުރުގައި ހީޓްޝީލްޑަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވީ ނަމަވެސް، ނާސާގެ ތަޖުރިބާކާރުން ވަނީ އެއީ އިންސާނުންނަށް ނުރައްކަލެއް ނެތް ކަމެއްކަމުގެ ޔަގީންކަން ދީފައެވެ. 1986 އަދި 2003 ގައި ހިނގި ހިތާމަވެރި ހާދިސާތަކުން އިބުރަތް ހާސިލްކޮށް، މިފަހަރުގެ ދަތުރު ނިންމާލީ ވަރަށް ބޮޑު ރައްކާތެރިކަމަކާއެކުގައެވެ.

މި ކާމިޔާބީއާއެކު، ދެން އޮތީ ހަނދުގެ ބިމަށް ސީދާ އިންސާނުން ފޭބުމަށް ކުރާ 'އާޓެމިސް 3' މިޝަންއެވެ. މި ތާރީޚީ ދަތުރު 2028 ވަނަ އަހަރު ކުރެވޭނެ ކަމަށް ނާސާއިން ލަފާކުރެއެވެ. މިއީ އެޕޯލޯ މިޝަންތަކަށްފަހު، ބައި ގަރުނު ފަހުން އިންސާނުން އަލުން ހަނދަށް ދިއުމަށް ކުރާ މަސައްކަތުގެ މުހިންމު ފާލަމެކެވެ.