ބުދަ، 18 ނޮވެމްބަރު 2026
ދީން

ފާޚިޝް, ނުބައި އަމަލުތައް ދޫކޮށް ﷲގެ މަގަށް ރުޖޫޢަވި ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ

ފާޚިޝް, ނުބައި އަމަލުތައް ދޫކޮށް ﷲގެ މަގަށް ރުޖޫޢަވި ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ

ގިނަ މީހުންނެކޭ އެއްފަދައިން، އަހަރެންވެސް ﷲ އަށާއި އިސްލާމްދީނަށް ރުޖޫޢަވީ ދިރިއުޅުމުގެ ދަތި އުނދަގޫ ވަގުތު ތަކެއް ތަހައްމަލް ކުރަމުންގެންދިޔަ ދަނޑިވަޅެއްގައެވެ. މިއީ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު ހިތާމަވެރި ހަގީގަތެކެވެ. އުފާވެރި ވަގުތުތަކުގައާއި ދިރިއުޅުން އަމާންކޮށް. އުފާވެރިކޮށް އޮންނަ އިރު، ކުރާ ނުރަނގަޅު އަމަލުތައް ދޫކޮށް މާތްވެގެންވާ އިސްލާމް ދީނަށް އެނބުރި ރުޖޫޢަވުމަކީ ކުރަން ޖެހޭ ކަމެއް ކަމުގެ އިހުސާސް ހަމަ އެކަކަށްވެސް ނުކުރެވެ އެވެ. އޭގެ ބަދަލުގައި އެންމެންވެސް އުޅެނީ އެނެގުމުގެ ވަގުތުތަކާއިގެންނެވެ. އުފަލާއި މަޖަލުގަ އެވެ.

އަހަރެން ވެސް ކުރިން ވޭތުކުރީ އެފަދަ އުފަލާއި މަޖަލުގެ ވަގުތަކެވެ. ނަމަވެސް އެކަން ދޫކޮށް ﷲގެ މަގަށް އަހަރެން ރުޖޫޢަވީމެވެ، އަދި އެއަށް ފަހު އަހަރެންގެ ގާތް ރަހުމަތްތެރިއަކަށް ވެސް އެނބުރި ﷲ ގެ މަގަށް ރުޖޫއަވުމަށް ނަސޭހަތްތެރިވެ، ހިތްވަރު ދިނީމެވެ.

އެ އެކުވެރިޔާ އަހަރެންނަށް ދިން ޖަވާބު އެނގޭހެއްޔެވެ..؟ އެ އެކުވެރިޔާގެ ޖަވާބުން އަހަރެންގެ ލޭ ކައްކުވާލިއެވެ.

"މިވަގުތު އަހަރެންގެ ދިރިއުޅުން ވަރަށް ރަނގަޅު، އަހަރެން މިއުޅެނީ ވަރަށް އުފަލުން، ވަރަށް މަޖާ، މި މަޖާ ހަޔާތުން ވަކިވާކަށް އަހަރެން ބޭނުމެއް ނޫން. ދިރިއުޅުމަށް އެއްވެސް ބަދަލެއް ގެންނާކަށް ބޭނުމެއް ވެސް ނޫން." އެކުވެރިޔާގެ ޖަވާބުގައި ބުންޏެވެ.

އެވަގުތު ވަރަށް ދެރަވެ ފެންކަޅިވި އެވެ. އަހަރެންގެ ހިތަށް އެރިއެވެ، އެއްޗެކޭ ނުބުނެ ހަނު ހުރެވުނު ނަމަ މާ ރަނގަޅުވީހެވެ.

އަހަރެންގެ ހިތް ބުނަމުންދިޔަ އެވެ. އެ އެކުވެރިޔާގެ ހަޔާތް ބަދަލުކޮށްލާނެ މެދުވެރިޔަކަށް ތިބާ ވާށެވެ. ހިތްވަރު ދެރަ ނުކުރާށެވެ. އޭނާގެ ގައިގައި ހިފާ ތަޅުވައިގަނެފައި ބުނާށެވެ.

"ކަލޭ ﷲއަށް ބިރުވެތި ނުވަނީތަ..؟ ހަމަ ހަގީގަތުގައިވެސް ކަލޭ ތިކުރާ ފާޚިޝް އަމަލުތަކުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ކުރިމަތިވަންދެން ތި ގޮތުގައި އުޅެން ބޭނުން ވަނީ ތަ ؟"

ހަމަ ޔަގީނުން ވެސް ބުއްދި ސަލާމަތުން ހުރި، ހެޔޮ ވިސްނޭ އެއްވެސް މީހަކު އެފަދަ ވިޔާނުދާ ކަންކަމަށް އެދޭކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް، ހިތުގެ އަޑިން އެންމެން ވެސް ރަނގަޅުވާން މަސައްކަޔް ކުރާނެ ކަމުގެ އިހުސާސް އަހަންނަށް ވެސް ކުރެވެއެވެ.

އަހަރެންވެސް އޭގެއިން އިސްތިސްނާއެއް ނުވަމެވެ. ހިނގާދިޔަ ސިލްސިލާ ހާދިސާތަކެއްގެ ސަބަބުން އަހަރެން ހުރީ ނަފްސާނީ ބަލިމަޑުކަމެއްގެ (ޑިޕްރެޝަން) ތުންފަތްމަތީގައެވެ. މިހާރު އެކަންކަމާ މެދު ވިސްނާލާއިރު، އެއީ މާ ބޮޑު ކަންތައްތަކެއް ނޫނެވެ. ނަމަވެސް، އަމިއްލަ ނަފްސުގެ އައިޑެންޓިޓީއާއި ދިރިއުޅުމުގެ މަގްސަދު ގެއްލިފައިވާ ފުރާވަރުގެ ކުއްޖަކަށް، އެއީ ކުރިމަތިވި އެންމެ ބޮޑު މުސީބާތެވެ.

އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިންނާ އަހަރެން ވަކިކުރެވުނެވެ. އަހަރެން އުޅެމުންދިޔަ ވިޔާނުދާ ދިރިއުޅުމުން ދުރުވެ، އެއްޒަމާނެއްގައި އަހަރެން އަމިއްލަ ގެ ކަމަށް ބުނި ތަނަކަށް އަހަރެން ބަދަލުވީމެވެ.

އެއީ އަހަރެންނަށް މާ ފަސާހަ ކަމަށް ނުވިއެވެ. ވަރަށް އުނދަގޫ ހާލަތްތަކެއް އަހަރެން ދިޔައީ ތަހައްމަލު ކުރަމުންނެވެ. ރޭގަނޑު ހަމަ ނިދިވެސް ނުލޮިބެ އެވެ. އެހެންވެ އަހަރެން ކޮންމެ ރެޔަކު ނުނިދާ އުޑުގައި ހުންނަ ތަރިތަކަށް ބަލަން އޮންނަމެވެ. އެއިން އަހަންނަށް ހިތްހަމަޖެހުން ލިބެއެވެ. ދުނިޔޭގެ އަނެއް ފަރާތުގައި ދިރިއުޅުނު އިރުވެސް އަހަރެން ކުރިކަމަކީ މިއީ ކަމަށްވާތީ އެކަމާ އަހަރެން މާނޮޑަކަށް ނުވިސްނަމެވެ.

އަހެރެއް ކުރިން އަހަރެންގެ މުޅި އާއިލާގެ ހުރިހާ މެމްބަރުން ވެސް ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ. އެކަމަށް ﷲ އަށް ޝުކުރު ކުރަމެވެ. އަހަރެން ﷲގެ މަގަށް ރުޖޫޢަވެ، ހިޖާބު އެޅައި ނިވާވީ އެއްވެސް މަޖުބޫރުކަމެއް ނެތި އެވެ. އަދި އަހަރެން އެކަން ނުކުރީ އަމިއްލައަށް ފެނިގެން އެއީ އެންމެ ތަނގަޅު ގޮތް ކަން ގަބޫކލުކުރެވިގެން ނެވެ.

ނަމަވެސް އަހަރެންގެ އާއިލާއިން އަބަދު ވެސް އަހަރެން ނިވާކަން ބޮޑު ހެދުން އެޅުމަށާއި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފަރުޟު ފަސްވަގުތު ނަމާދު ކުރުމަށް އުންމީދު ކުރެއެވެ.

އަހަރެންގެ ބޮޑުދައިތަގެ ކައިރީގައި ހުންނަ ކްލާސްތަކަކަށް އަހަރެން ގެންދެއެވެ. އަދި ފުރުސަތު ލިބުނު ވަރަކުން އަހަރެން އެތަނަށް ދަމެވެ. އަހަރެން އެކަން ކުރީ އެހާ ރުހިގެން ނޫނެވެ. ވަރަށް ދެރަވެ ހިތާމައިގައި ހުރެގެންނެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. އަދި އަހަރެން ދިޔަ އެއް ކްލާހެއްގައި ނެގި މައުޟޫޢަކީ ތަދާއި ތަކުލީފު ކުރިމަތިވަނީ ކީއްވެގެން ކަމާ ބެހޭގޮތުންނެވެ.

މުދައްރިސް ވިދާޅުވީ، އަހަރެމެންނަށް ދަތި އުނދަގޫ ވަގުތުތައް ކުރިމަތިވަނީ އިމްތިހާނެއްގެ ގޮތުގައި ކަމަށެވެ. އެއީ އަހަރެމެން އެކަމާ ކުރިމަތިލާ ގޮތް ބެލުމަށެވެ. އަހަރެމެން ސިރާތުލް މުސްތަގީމަށް (ސީދާ މަގަށް) ރުޖޫޢަވޭތޯ ބެލުމަށެވެ.

އަހަރެމެން ތަހައްމަލުކުރާ ކޮންމެ ތަދަކާއި، ނަފްސާނީ އަދި ޖިސްމާނީ ތަކުލީފަކީ އާޚިރަތުގެ އަޒާބުން އަހަރެމެން ސަލާމަތްކޮށްދޭ ކަމެއްކަން އަހަންނަށް އެނގުނީ އެދުވަހުއެވެ. ﷲ ގެ މިންވަރުފުޅުތައް އަހަންނަށް ހަގީގަތުގައި ވިސްނެން ފެށީ އެހިސާބުންނެވެ. ކޮންމެ ކަމެއްވެސް ހިނގަނީ މަގްސަދެއް އޮވެގެން ކަމާއި، އަހަރެން އެކަމުން އިބުރަތް ހާސިލުކުރަން ޖެހޭކަން އެނގުނެވެ.

އަހަރެންގެ ދިރިއުޅުމުގެ އެ ދުވަސްވަރަށްފަހު މިހާރު ގާތްގަނޑަކަށް ދެ އަހަރާއި ބައި ވެއްޖެއެވެ. ހަގީގީ ބަދަލެއް ދިރިއުޅުމަށް އަންނަން އަހަރެއްހާ ދުވަސް ނެގިއެވެ. އަހަންނަށް އިސްލާމްދީން އެނގެއެވެ، ނަމަވެސް މުސްލިމަކު އަމަލުކުރަންޖެހޭ ގޮތަށް އަމަލު ނުކުރެވެނީ އެވެ. އަހަރެން އުޅެނީ އުފަކުގައި ކަމަށް ބަޔަކަށް ހީވިޔަސް އަހެރެން އުޅެނީ އުފަލަކު ނޫނެވެ، ވަރަށް ހިތްދަތިކޮށެވެ.

ހަގީގަތަށް ބުނާނަމަ އަހަރެން އުޅެމުން ދިޔައީ މުނާފިގުކަމެއްގެ ތެރޭގައެވެ. އެކަމަށް އިންކާރު ކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެކަމެއް ނުވިއެވެ. އެކަން ގަބޫލުކުރެވި، އަހަރެން އެކަން ބަލައިގަނެ، ސީދާ މަގު ދެއްކެވުމަށް އެދި ދުޢާ ކުރީމެވެ. އަހަރެންގެ ފިތުރަތުގެ އަޑު މަރައެއް ނުލެވެއެވެ، ނަމަވެސް އަހަރެން ހުރީ އެ އަޑު ކަނޑުވާލައިގެންނެވެ.

ކުރިން، ހިޖާބު އަޅަން އަހަރެންގެ ހިތަށް އަރައެވެ، ނަމަވެސް އަހަރެން އެ އިހުސާސްތަކާ ދެކޮޅަށް މަސައްކަތް ކުރީއެވެ. އަހަރެން އުމްރާގެ އަޅުކަން އަދާކުރީމެވެ. އަދި ދެން އަންނަ ފަހަރަކުން އަހަރެންގެ ނަފުސުގެ މައްޗަށް ގަވެ، އެ ނަފުސު ދައްކާހާ ދަޅަތަކަށް އިޖާބަދީ، އެ އަޑު އަހަން ބޭނުން ނޫންކަމަށް ބުނެ އެއަށް ފުރަގަސްނުދެވޭނެ ފަދަ ގޮތަކަށް މިންވަރުކޮށްދެއް ވުމަށް އެދި މެދުނުކެނޑި ﷲއަށް ދުޢާކުރީމެވެ.

ކުއްލިއަކަށް ހިޖާބު އަޅައި ނިވާވުމަށް ހިތައް އަރައި އެކަން ކުރަން އަހެރެން ބޭނުންވީ ނިމިދިޔަ ރަމަޟާން މަހުގެ ރޭގަނޑެއްގެ ދަންވަރުގެ ވަގުތުގަ އެވެ. ހިޖާބު އެޅުމުގެ ޚިޔާލު އަހަރެންގެ ހިތަށް ވަތްގޮތަށް އެކަން ހިތުން ފިލައިގެން ނުދިޔައެވެ. އަހަރެން އަދި އެކަމަށް ތައްޔާރު ނޫން ކަމަށާއި، ފުރިހަމަ ނުކުރެވިދާނެ ފަދަ އެތައް ކަމެއް މީގެ ތެރޭގައި ހިމެނޭ ކަމަށް އަމިއްލަ ނަފްސަށް ބުނަމުންދިޔައީ މެވެ. ނަމަވެސް، އެހީތެރިވެދިން ރަހުމަތްތެރިންގެ ހިތްވަރުދޭ ބަސްތަކާއެކު، މިހާރު މިކަން ނުފަށައިފިނަމަ ދުވަހަކުވެސް ނުފެށޭނެ ކަމަށް އަހަރެންގެ އަމިއްލަ ނަފްސަށް ބުނީމެވެ. އަދި އެކަން އަހަރެން ސައްތައިން ސައްތަ ގަބޫލުކުރީމެވެ. އެހެންކަމުން، ހިޖާބު ނާޅާ ހުރުމަށް ދައްކާނެ އެއްވެސް އުޒުރެއް ދެން އަހަރެންގެ ނެތެވެ. އަލްޙަމްދުލިއްލާހި، އެންމެ ފަހުން އުމުރުން 18 އަހަރުގައި އަހަރެން ހިޖާބު އަޅައި ނިވާވީމެވެ.  އަދި އޭގެ ފަހުން މިއަދާ ހަމައަށްވެސް އަހަރެން މި ހުރީ އެގޮތުގަ އެވެ.

ހިޖާބު އަޅައިގެން އުޅުމަކީ މާ ބޮޑުކަމަށް މިހާރު ނުވެ އެވެ. އެއީ ކުޑަކޮށްވެސް އުނދަގޫ ކަމެއް ނޫނެވެ. މިއަދާ ހަމައަށްވެސް ހިޖާބު އެޅުމާ މެދު ދެރަވެ ހިތާމަކުރަން ޖެހޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެކަމަށްޓަކައި އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ، އަލްޙަމްދުލިއްލާހި. ހިޖާބު އަޅާ ގިނަ ރަހުމަތްތެރިންތަކެއް ވަގުތުން އަހަންނަށް ލިބުނެވެ. މި ރަހުމަތްތެރިންނާއި އަހަރެންގެ އާއިލާއަކީ އަހަރެންގެ އާ އީމާންތެރިކަމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

އަހަރެން މިސްކިތާ ގުޅުންހުރި ހަރަކާތްތަކުގައި އިތުރަށް ބައިވެރިވެ، ދީނީ އިލްމު އިތުރުކުރުމަށް ގިނަ ކްލާސްތަކެއްގައި ބައިވެރިވާން ފެށީމެވެ. އެ ދުވަހު ހިޖާބު އެޅުމަށް އަހަރެން ނިންމި ނިންމުމާ މެދު ޝުކުރުވެރިވަމެވެ. އެހެނީ އެ ދުވަހު އެކަން ނުކުރި ނަމަ، އެކަމަށް ކިހާ ދުވަހެއް ނަގާނެ ކަމެއް ވެސް ނޭނގެއެވެ.

ﷲ އާއި އެކަލާނގެ މަތިވެރި ކުޅަދުންވަންތަކަން އަހަރެން ހަނދާން ކުރަނީ ކިހިނެއް؟

އަހަރެން ބޭރަށް ނުކުމެ ގުދުރަތީ ރީތިކަމާ މެދު އަޖައިބުވާ ހިނދުގައެވެ. ތުއްތު ކުއްޖަކާއެކު ކުޅެން މަޑުކޮށްލާފައި، ދިރިއުޅުމުގެ މި ފުރިހަމަ އަދި އަޖައިބުކުރުވަނިވި ބުރު ފެންނަ ހިނދުގައެވެ. އަހަރެން ބޭރަށް ދާއިރު މީހުން މަޑުކޮށްލާފައި އަހަންނަށް "އައްސަލާމް ޢަލައިކުމް" އޭ ބުނާ ހިނދުގައެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅުތަކާއި ކީރިތި ޤުރުއާން އުނގެނޭ ހިނދު، އެއީ އަހަރެމެންގެ ދިރިއުޅުމާއި އީމާންތެރިކަމާ ކިހާ ފުރިހަމައަށް ގުޅިފައިވާ އެއްޗެއްކަން އެނގޭ ހިނދުގައެވެ.

އަދި އިސްލާމީ އުޚުތުން ފަޚުރުވެރިކަމާއި އިތުބާރާއެކު ހިޖާބުގައި ތިބެފައި އަހަރެންގެ ކައިރިން ދާ ހިނދުގައެވެ. ކޮންމެ ކަމަކުންވެސް އަހަންނަށް ﷲ ހަނދުމަވެއެވެ. އަދި އެކަލާނގެއަށާއި، އަހަރެމެންގެ ނަބިއްޔާއަށާއި، އަހަރެމެންގެ ދީނަށް އަހަރެންގެ ހިތުގައިވާ ލޯބި ދުވަހުން ދުވަހަށް އިތުރުވަމުންދާކަން އަހަންނަށް އިހުސާސް ކުރެވެއެވެ.