އެމެރިކާގެ ރުހުން ނުލިބި ޗާގޯސް ހަވާލުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
ޗާގޯސް ޖަޒީރާގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން، އެމެރިކާގެ ފުރިހަމަ ރުހުން ލިބެންދެން އެ ގައުމުން މަޑުޖައްސާލައިފިއެވެ. އިނގިރޭސި ސަރުކާރުން މިގޮތަށް ނިންމާފައިވަނީ، އިންޑިއާ ކަނޑުގައި އޮންނަ ސްޓްރެޓީޖިކް ގޮތުން މުހިންމު މި ޖަޒީރާތައް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ "ގަމާރު" ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޗާގޯސްއާ ގުޅޭ އެއްބަސްވުމައިގެން ކުރިއަށްދާނީ އެމެރިކާގެ ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަން ކަށަވަރުވުމުން ކަމަށެވެ. ވަކިން ހާއްސަކޮށް، އެ ސަރަހައްދުގެ އެންމެ ބޮޑު ރަށް ކަމަށްވާ ފޯޅަވަހި (ޑިއެގޯ ގާސިއާ) ގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ރައްކާތެރިކަން ދިގު މުއްދަތަކަށް ކަށަވަރު ކުރުމަކީ އިނގިރޭސިވިލާތުން އެންމެ އިސްކަންދޭ ކަންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ މެއި މަހު އެކުލަވާލި އެއްބަސްވުމުގެ ދަށުން، އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އޮތީ ނިންމާފައެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތުން ބޭނުންކުރާ އަސްކަރީ މަރުކަޒު އޮންނަ ފޯޅަވަހި، އެއް ގަރުނުގެ މުއްދަތަށް އިނގިރޭސިވިލާތަށް ކުއްޔަށް ދިނުމަށް އެއްބަސްވުމުގައި ހިމެނެއެވެ.
Ads by BMLނަމަވެސް، ރައީސް ޓްރަމްޕް ވަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ސަބަބެއް ނެތި އެ ސަރަހައްދު ދޫކޮށްލުމަކީ އިނގިރޭސިވިލާތުގެ ނިކަމެތިކަން ދައްކައިދޭ ކަމެކެވެ. އަދި މީގެ ނާޖާއިޒު ފައިދާ ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކުން ނަގާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ ގާނޫނީ ފިއްތުންތަކެއް ވެސް އިނގިރޭސިވިލާތަށް ވަނީ ކުރިމަތިވެފައެވެ. އެގޮތުން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ލަފާދީފައެވެ.
އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، މިހާރު މި މަސައްކަތް މަޑުޖެހިފައިވަނީ އެމެރިކާގެ އިއުތިރާޒުތަކުގެ ސަބަބުންނެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ޕާލަމެންޓް އުވާލުމުގެ ކުރިން މިކަމާ ގުޅޭ ގާނޫނީ މަރުހަލާތައް ނިންމޭނެ ކަމަށް މިހާރު ނުބެލެވޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ފޯޅަވަހީގެ މަރުކަޒަކީ އީރާނާ ދެކޮޅަށް ކުރާ އަސްކަރީ ހަރަކާތްތަކުގައި އެމެރިކާއަށް ވަރަށް މުހިންމު މަރުކަޒެކެވެ.
Ads by MACL
