ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ އިންފްލޭޝަން ފާއިތުވި ދެ އަހަރު ތެރޭގައި ނޫފުލޭހާ މައްޗަށް

އެމެރިކާގެ އިންފްލޭޝަން ފާއިތުވި ދެ އަހަރު ތެރޭގައި ނޫފުލޭހާ މައްޗަށް

މިދިޔަ މާރިޗު މަހު އެމެރިކާގެ އިންފްލޭޝަން ރޭޓް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ނޫފުލޭހާ މަތީ މިންވަރަށް އުފުލިފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސް (ބީ.އެލް.އެސް) އިން އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، ފެބްރުއަރީ މަހު 2.4 އިންސައްތައިގައި ހުރި އިންފްލޭޝަން ރޭޓް، މާރިޗު މަހު ވަނީ 3.3 އިންސައްތައަށް އުފުލިފައެވެ. މިއީ 2024 ވަނަ އަހަރުގެ މޭ މަހަށް ފަހު އެމެރިކާގެ އިންފްލޭޝަން މިހާ މަތިވި ފުރަތަމަ ފަހަރެވެ.

މިގޮތަށް އިންފްލޭޝަން އުފުލެން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް ބީ.އެލް.އެސް އިން ފާހަގަކޮށްފައިވަނީ ހަކަތައިގެ އަގުތައް، ޚާއްޞަކޮށް ޕެޓްރޯލްގެ އަގު އިންތިހާއަށް އުފުލުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާރިޗު މަހު އެކަނިވެސް ޕެޓްރޯލްގެ އަގު ވަނީ 21.2 އިންސައްތަ އުފުލިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. ޚާއްޞަކޮށް އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާއި، އެމެރިކާ މި ކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން ތެޔޮ އުފައްދާ މިންވަރަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ކާބޯތަކެއްޗާއި ހަކަތައިގެ ބައި އުނިކުރުމަށްފަހު ބަލާ "ކޯ އިންފްލޭޝަން" ރޭޓް ހުރީ 0.2 އިންސައްތައިގައެވެ. މިއީ އުންމީދު ކުރި ވަރަށް ވުރެ ކުޑަ މިންވަރެއް ނަމަވެސް، ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން އެމެރިކާގެ އާންމު ދިރިއުޅުމުގެ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ބަދަލާއެކު އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މިއީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބަށްވެސް އޭގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާނެ ކަމެކެވެ.