މިއުޒިކީ ދުނިޔޭގެ ތަރި، އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި މަރުވެއްޖެ
އިންޑިއާގެ މިއުޒިކީ އުދަރެހުން ފާހަގަކޮށްލެވޭ އެންމެ އުޖާލާ އެއް ތަރި، މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މިއަދު އުމުރުން 92 އަހަރުގައި ދުނިޔެ ދޫކޮށްފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަލިކޮށް އުޅުމަށްފަހު އޭނާ މަރުވީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި އާޝާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހިތުގެ މައްސަލަތަކާއި ނޭވާލާ ނިޒާމުގެ ބައްޔަށް ފަރުވާ ހޯދުމަށް އިއްޔެ އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރި ނަމަވެސް، މަރުވީ ކާޑިއެކް އެރެސްޓެއް ކުރިމަތިވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by BMLހިންދީ ސިނަމާގައި އެތައް ސަތޭކަ ލަވައެއް ކިޔާދީފައިވާ އާޝާއަކީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު އެތައް ލަވަތަކެއްގެ އަޑުގެ ވެރިޔާއެވެ. އޭގެ ތެރޭގައި 'ޗުރާލިޔާހެ ތުމްނޭ'، 'ދޯ ލަފްޒޯކީ' އަދި 'ޖަވާނެ ޖާނެމަން' ފަދަ ލަވަތައް ހިމެނެއެވެ. އުމުރުން އެންމެ 9 އަހަރުގައި ލަވަކިޔަން ފެށި އާޝާއަކީ 2022 ވަނަ އަހަރު މަރުވި އިންޑިއާގެ "ނައިޓިންގޭލް" ލަތާ މަންގޭޝްކަރުގެ ކޮއްކޮއެވެ.
އާޝާ ބޯސްލޭއަކީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. އެގޮތުން އޭނާއަކީ ގްރޭމީ އެވޯޑަކަށް ނޮމިނޭޓުވި އިންޑިއާގެ ފުރަތަމަ ލަވަކިޔުންތެރިޔާއެވެ. މީގެ އިތުރުން، އިންޑިއާގެ ސަރުކާރުން ދޭ ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ވިބޫޝަން އެވޯޑު 2008 ވަނަ އަހަރު އޭނާ ހާސިލުކުރިއެވެ. އަދި އޭނާގެ ދިގު ފަންނީ ހިދުމަތުގެ އަގުވަޒަންކޮށް އެތައް ފަހަރަކު ފިލްމު ފެއާ އެވޯޑާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑުތައް ވެސް ވަނީ ލިބިފައެވެ.
Ads by MACL
