ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން އެމެރިކާ ސިފައިންނަށް ޓްރަމްޕް އަމުރުކޮށްފި
ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައް ކާމިޔާބުނުވެ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލަން އެ ގައުމުން ދެކޮޅު ހެދުމާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފި އެވެ.
ޓްރަމްޕް މި އަމުރު ނެރުނީ އާދިއްތަ ދުވަހު އޭނާގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމް މެދުވެރިކޮށް ދިން އިންޒާރެއްގަ އެވެ.
ޓްރަމްޕް ބުނި ގޮތުގައި ޕާކިސްތާނުގައި ބޭއްވި ބައްދަލުވުންތަކުގައި ބައެއް ކަންކަމަށް އެއްބަސްވެވުނު ނަމަވެސް، ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އީރާނުން ދޫދޭކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން، މިހާރުން މިހާރަށް އަމަލުކުރަން ފަށާ ގޮތަށް، ހޮރްމޫޒް ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދެއް ހުއްޓުވުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން ފަށާނެ ކަމަށް އޭނާ ބުންޏެވެ.
Ads by BML"އަހަރެމެންނަށް ނުވަތަ ނުރައްކަލެއް ނެތް އުޅަނދުތަކަށް ހަމަލާދޭ އީރާނުގެ ކޮންމެ މީހަކު އަންދާލާނަން،" ޓްރަމްޕްގެ އިންޒާރުގައި ބުނެފައިވެ އެވެ. އަދި މި ބްލޮކޭޑްގައި އިތުރު ގައުމުތަކުން ވެސް ބައިވެރިވާނެ ކަމަށް އޭނާ އިޝާރާތް ކުރި ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ޕާކިސްތާނަށް ގޮސް، އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލީބާފްއާ ބައްދަލުކުރި އެވެ. މިއީ 1979 ވަނަ އަހަރުގެ ފަހުން ދެ ގައުމުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. ނަމަވެސް، ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ވެންސް ނޫސްވެރިންނަށް ބުނީ، އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށާއި، އީރާނުން އެކަން ގަބޫލުކުރޭތޯ ބަލާނެ ކަމަށެވެ. މި މަޝްވަރާ ޓީމުގައި ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ ވެސް ބައިވެރިވި އެވެ.
އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަ ހަފުތާ ވެފައިވާއިރު، އީރާނުން އޮތީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. ނަމަވެސް، ޓްރަމްޕް ބުނި ގޮތުގައި އީރާނުން ވައުދުވި ގޮތަށް ކަނޑުގެ މަގު ހުޅުވާފައެއް ނުވެ އެވެ. އީރާނުން ކަނޑަށް މައިން އަޅާފައިވާ ކަމަށް ބުނާ ބުނުމަށް ރައްދު ދެމުން ޓްރަމްޕް ބުނީ، އެމެރިކާގެ ސިފައިން މިހާރު ތިބީ ކޮންމެ ވަގުތަކުވެސް ހަމަލާދޭން ތައްޔާރަށް ('ފުލީ ލޮކްޑް އެންޑް ލޯޑެޑް') ކަމަށެވެ. އަދި ބޭނުންވެއްޖެ ނަމަ އީރާނުގައި ބާކީ އޮތް މިންވަރު ވެސް ނައްތާލާނެ ކަމަށް އޭނާ އިންޒާރު ދިނެވެ.
Ads by MACL
