ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮރުމޫޒު ކަނޑުއޮޅިއަށް ޓްރަމްޕް އަތްގަދަކުރަން ކުރާ މަސައްކަތަށް އިނގިރޭސިން ނޫނެކޭ ބުނެފި

ހޮރުމޫޒު ކަނޑުއޮޅިއަށް ޓްރަމްޕް އަތްގަދަކުރަން ކުރާ މަސައްކަތަށް އިނގިރޭސިން ނޫނެކޭ ބުނެފި

ދުނިޔޭގެ އިޤްތިޞާދާއި ވިޔަފާރީގެ މައި ނާރު ކަމަށްވާ ހޮރުމޫޒު ކަނޑުއޮޅިއަށް އަތްގަދަކޮށް، އެ ސަރަޙައްދު ހުރިހާ ޤައުމަކަށް ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅަށް އިނގިރޭސިވިލާތުން ފާޅުގައި ނޫނެކޭ ބުނެފިއެވެ.

ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ އޮޕަރޭޝަންގައި އެމެރިކާއަށް އެހީތެރިވުމަށްޓަކައި އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަނަވަރެއް އެ ސަރަޙައްދަށް އަންނާނެކަމަށް ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ލަންޑަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ކުރާ އެ މަސައްކަތުގައި އެ ޤައުމުން ބައިވެރި ނުވާނެ ކަމަށާއި، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހުރަސްއެޅޭފަދަ ފިޔަވަޅުތަކަށް އިނގިރޭސިވިލާތުން ތާޢީދުނުކުރާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ހޮރުމޫޒު ކަނޑުއޮޅިއަށް އެމެރިކާއިން އަތްގަދަކޮށް ބަންދުކުރަން ޓްރަމްޕް މަސައްކަތް ކުރައްވަނީ އެ ސަރަޙައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުން އީރާނަށް ދައްކަމުންދާ ޚާއްޞަ ފީއެއް ނިމުމަކަށް ގެނައުމަށާއި، އީރާނުގެ އިޤްތިޞާދަށް ދަތިކުރުމަށެވެ. އެމެރިކާއިން ދެކޭގޮތުގައި މިއީ އީރާނަށް އާމްދަނީ ލިބޭ މަގުތައް ބަންދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅިގެން އީރާނުން ވަނީ ވަރަށް ހަރުކަށި އިބާރާތުން ރައްދުދީފައެވެ. އީރާނުން ބުނީ ހޮރުމޫޒު ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހުޅުވިފައިވާ ތަނެއް ކަމަށާއި، ދުނިޔޭގެ ކޮންމެ ބަޔަކަށްވެސް މުދާ އުފުލުމުގައި އެ ކަނޑުއޮޅި މިނިވަންކަމާއެކު ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ ސަރަޙައްދުން އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދަކަށް ދެން ދަތުރު ނުކުރެވޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ހޮރުމޫޒު ކަނޑުއޮޅިއަކީ ދުނިޔޭގެ އިޤްތިޞާދާ ގުޅިފައިވާ ވަރަށް މުހިންމު ތަނެކެވެ. ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދޭ ސާފުނުކުރާ ތެލުގެ %20 އަށްވުރެ ބޮޑު ބައެއް (ދުވާލަކު ގާތްގަނޑަކަށް 21 މިލިއަން ފީފާ ތެޔޮ) ކޮންމެ ދުވަހަކުވެސް އުފުލަނީ މި ކަނޑުއޮޅި ހުރަސްކޮށެވެ. މީގެ އިތުރުން ދުނިޔޭގެ ގުދުރަތީ ގޭހުގެ (އެލް.އެން.ޖީ) ވިޔަފާރީގެވެސް ބޮޑު ބައެއް މި މަގުން ކުރާއިރު، މި ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލި، ބައިނަލްއަޤްވާމީ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް މާހިރުން އަންދާޒާކުރެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދު މި މައްސަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ހުޅަނގުގެ ބާރުތަކުގެ މެދުގައި އީރާނާ މެދު ގެންގުޅޭ ސިޔާސަތުގައި ބޮޑެތި ރެނދުތަކެއް ލާފައިވާކަން މިވަނީ ހާމަވެފައެވެ.