ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއާ އެކު ބައިވެރި ނުވާން ނޭޓޯއިން ނިންމައިފި

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާއާ އެކު ބައިވެރި ނުވާން ނޭޓޯއިން ނިންމައިފި

އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެވޭ މަގު ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ފައްޓަވާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިނުވާން ނޭޓޯގެ މެންބަރު ގައުމުތަކުން ނިންމައިފިއެވެ.

އެމެރިކާގެ މި ހަރުކަށި ނިންމުމަށް ތާއީދު ނުކުރަން ނޭޓޯގެ ބޮޑެތި ބާރުތަކުން ނިންމުމާ ގުޅިގެން، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އިތުރުވެ، އިއްތިހާދުގެ އެތެރޭގައި އޮތް ނުތަނަވަސްކަން ވަނީ އިހުނަށްވުރެ ބޮޑުވެފައެވެ.

އީރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ހަ ހަފުތާ ވަންދެން ކުރިއަށްގެންދިޔަ މަޝްވަރާތައް ނާކާމިޔާބުވުމުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އީރާނުގެ އުޅަނދުފަހަރު ހުއްޓުވަން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ތައްޔާރުވެފައެވެ. އެގޮތުން، ހޯމަ ދުވަހުގެ ގްރީނިޗް ގަޑިން 14:00 އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އެތަނުން ފުރާ ހުރިހާ ބޯޓެއް ހުއްޓުވާނެކަން އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ. ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ގައި ވިދާޅުވެފައިވަނީ، ވަރަށް އަވަހަށް ފަށާ މި ބްލޮކޭޑްގައި އެހެން ގައުމުތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.

އެހެންނަމަވެސް، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕްގެ ގައުމުތަކުން ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންނުވާކަން ހާމަކޮށްފައެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ، އަދި ފެބްރުއަރީ 28 އިން ފެށިގެން އީރާނުން އަމަލީގޮތުން ބަންދުކޮށްފައިވާ މި މުހިންމު ކަނޑުއޮޅި ހުޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެ ގައުމުތަކުން ގަބޫލުކުރެއެވެ. ނަމަވެސް، އެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވަނީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، ދާއިމީ ހައްލެއް ލިބުމުންނެވެ.

އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ޔޫރަޕްގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރުމާއި، މި އޮޕަރޭޝަންގައި ބައިވެރިވުމަށް ނޭޓޯއިން އިންކާރު ކުރުމަކީ ޓްރަމްޕް އިންތިހާއަށް ކޯފާވި ކަމެކެވެ. މީގެ ރައްދުގައި ޓްރަމްޕް ވަނީ، ނޭޓޯ އިއްތިހާދުން އެމެރިކާ ވަކިވެ، ޔޫރަޕްގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދެވުމަށް ވިސްނަވަމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކިތަންމެ ބޮޑު ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ނިންމެވި ނިންމެވުން ބަދަލުނުކުރައްވާނެ ކަމަށެވެ. އަދި އެމެރިކާގެ ބްލޮކޭޑަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، ހަނގުރާމަ ނިމުމަކަށް އައުމުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އިންޝުއަރެންސް އަގުތައް ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް އިނގިރޭސިވިލާތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ޔޫރަޕްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕް ބޭނުންފުޅުވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގައި ގައުމުތަކުން އަމަލީ ގޮތުން ވައުދުތަކެއް ވުމަށެވެ. ނަމަވެސް، ނޭޓޯއަށް މިކަމުގައި ރަސްމީ ދައުރެއް އަދާކުރެވޭނީ އިއްތިހާދުގެ 32 ގައުމުން އެއްބަސްވެ، ވަކި ޚާއްޞަ މިޝަނެއް އެކުލަވާލެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އޮޕަރޭޝަނާ ވަކިން، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވަނީ ސުލްހަވެރި އައު ހުށަހެޅުމެއް ގެންނަވާފައެވެ. މެކްރޮން އެކްސްގައި ވިދާޅުވީ، ކަނޑު ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކާ ނުގުޅޭ މިނިވަން ބައިނަލްއަގުވާމީ މިޝަނެއް އުފެއްދުމަށް އިނގިރޭސިވިލާތާއި އެހެން ގައުމުތަކާ ގުޅިގެން ފަރަންސޭސިވިލާތުން ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. އަދި މަސްރަހު ތަންދިން އެންމެ އަވަހަކަށް މިކަން ފަށާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައަށް އޮތް ހައްލަކީ ޑިޕްލޮމަސީ ކަމަށާއި، ބައިނަލްއަގުވާމީ ފައުޖެއް އެކުލަވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ޖުލައި މަހު އަންކާރާގައި ބާއްވާ ނޭޓޯ ސަމިޓުގައި، ޓްރަމްޕާއެކު އޮންނަ ގުޅުންތައް އަލުން މުރާޖައާ ކުރުމަށް އޭނާ ވަނީ އިއްތިހާދުގެ މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.