ޕެސިފިކް ކަނޑުގައި އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި ދެ މީހަކު މަރާލައިފި
އިރުމަތީ ޕެސިފިކް ކަނޑުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް އެމެރިކާ ސިފައިން ދިން އައު ހަމަލާއެއްގައި ދެ މީހަކު މަރާލައިފިއެވެ.
މިއީ ލެޓިން އެމެރިކާގެ މަސްތުވާތަކެތި އުފައްދާ ގްރޫޕްތަކާ ގުޅުން އޮންނަ ކަމަށް ބުނެ އެމެރިކާ ސިފައިން އުޅަނދުފަހަރަށް ދެމުންދާ މަރުގެ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.
އެމެރިކާގެ ސަަދަން ކޮމާންޑް (SOUTHCOM) އިން ހޯމަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި މަރާލާފައިވަނީ "ނާކޯ-ޓެރަރިސްޓުން" ނެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް އެމެރިކާއިން ދައްކާފައެއް ނުވެއެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގެ ކޮމާންޑަރު ޖެނެރަލް ފްރާންސިސް އެލް ޑޮނޮވަންގެ އަމުރަށެވެ.
Ads by BMLމި ހަމަލާގެ ވީޑިއޯއިން ފެންނަ ގޮތުގައި، އެމެރިކާއިން ހަމަލާދިން އުޅަނދަކީ މަސްވެރިކަމަށް ބޭނުންކުރާ ދާ ފަދަ ތަކެތި ހުރި އާދައިގެ ކުޑަ ބޯޓެކެވެ. އެ އުޅަނދަށް ވައިގެ މަގުން ހަމަލާދިނުމާއެކު އޭގައި ވަނީ އަލިފާން ރޯވެ، ގޮވައިފައެވެ.
މިއީ ވިދިވިދިގެން ދެ ދުވަހު އެމެރިކާއިން ދިން މިފަދަ ނުރައްކާތެރި ހަމަލާއެކެވެ. މިދިޔަ އާދިއްތަ ދުވަހުވެސް އެމެރިކާ ސިފައިން ވަނީ ދެ ބޯޓަކަށް ހަމަލާދީ ފަސް މީހުން މަރާލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް ޕެސިފިކް އަދި ކެރީބިއަން ކަނޑުގައި އެމެރިކާ ސިފައިން ދިން މިފަދަ ހަމަލާތަކުގައި 170 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ބެހޭ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި ހިންގަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެއްވެސް ޝަރީއަތަކާ ނުލައި މީހުން މެރުމުގެ (extrajudicial killings) އަމަލުތަކެކެވެ. އަދި މި ހަމަލާތަކުގައި މަރާލެވޭ މީހުންނަކީ އެމެރިކާއަށް އެއްވެސް ނުރައްކަލެއް ނެތް އާދައިގެ މަސްވެރިން ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނަނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ހަމަލާދިން އެއްވެސް އުޅަނދަކީ މަސްތުވާތަކެތި އުފުލާ އުޅަނދެއްކަން އެމެރިކާއަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
Ads by MACL
