250 އަށްވުރެ ގިނަ ހިޖުރަވެރިންނާ އެކު ދަތުރުކުރި ބޯޓެއް އަންޑަމަން ކަނޑަށް ފެތިއްޖެ
250 އަށްވުރެ ގިނަ ހިޖުރަވެރިންނާ އެކު ދަތުރުކުރި ބޯޓެއް އަންޑަމަން ކަނޑަށް ފެތިފައިވާކަން ބަންގްލަދޭޝްގެ ފުލުހުން މިއަދު ހާމަކޮށްފިއެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރުން ފުރައިގެން މެލޭޝިއާއަށް މިސްރާބު ޖަހާފައި އޮތް މި ބޯޓުގައި ގިނައިން ތިބީ ރޮހިންޖާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
މި ހިތާމަވެރި ހާދިސާ ހިނގިކަން އެނގުނީ، އިންޑިއާ ކަނޑުގެ ސަރަހައްދުން ސަލާމަތްކުރި ނުވަ މީހަކު ފުލުހުންނާ ހަވާލުކޮށް، އެ މީހުން ދިން މައުލޫމާތުންނެވެ. ބަންގްލަދޭޝްގެ ކޯސްޓްގާޑުން މައުލޫމާތު ދޭގޮތުގައި، އެ މީހުން ސަލާމަތްކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ޗަޓްގްރާމުން އިންޑޮނީޝިއާއަށް ދަތުރުކުރަމުންދިޔަ ބަންގްލަދޭޝްގެ އުޅަނދަކުންނެވެ.
ފުލުހުންނާ ހަވާލުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހަކީ އިންސާނީ ވަގުފާރީގެ ވިއުގައަށް ނިސްބަތްވާ ބައެއް ކަމަށް ތުހުމަތުކުރެވިގެން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ޓެކްނާފް ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިން ޗާޖް ސައިފުލް އިސްލާމް ވިދާޅުވީ، ބޯޓުގައި ދަތުރުކުރި މީހުންގެ ސީދާ އަދަދު ކަށަވަރު ނުކުރެވުނު ނަމަވެސް، އެ އުޅަނދުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ޔަގީންވާ ކަމަށެވެ.
Ads by BMLމި ހާދިސާއިން ސަލާމަތްވި ރޮހިންޖާ ދަރިކޮޅުގެ މީހެއް ކަމަށްވާ ރަފީގުލް އިސްލާމް ބަންގްލަދޭޝްގެ "ދަ ޑެއިލީ ސްޓާ" ނޫހަށް މައުލޫމާތު ދެމުން ބުނީ، އުޅަނދުގައި 280 އެއްހާ މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި 150 ރޮހިންޖާއިންނާއި ބަންގްލަދޭޝްގެ މީހުންގެ އިތުރުން ފަޅުވެރިންނާއި ޓްރެފިކަރުން ހިމެނެއެވެ. އޭނާ ކިޔައިދިން ގޮތުގައި ބޯޓު ބަންޑުން ޖަހާލީ މޫސުން ގޯސްވެ ބޮޑެތި ރާޅުތަކެއް އެރުމުގެ ސަބަބުންނެވެ. އަދި ބޯޓު ފެތުމުގެ ކުރިންވެސް، އުޅަނދުގައި މީހުން ގިނަވެ ނޭވާ ހާސްވުމުގެ ސަބަބުން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން އދ.ގެ ރެފިއުޖީ އެޖެންސީއާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރޮހިންޖާ މުސްލިމުންގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމުގެ ހިތްދަތި ނަތީޖާ ކަމަށެވެ.
2017 ވަނަ އަހަރު މިއަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ގަތުލުއާންމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް އެތެރެވި 1.3 މިލިއަން ރޮހިންޖާއިން އަދިވެސް ތިބީ އެގައުމުގެ ރެފިއުޖީ ކޭމްޕުތަކުގައެވެ. މިއަންމާގެ އަސްކަރީ ސަރުކާރުގެ ސަބަބުން އެނބުރި ގައުމަށް ދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުން، ރަނގަޅު ގޮތެއް ހޯދުމަށް އެތައް ބަޔަކު ދަނީ ފުރާނައަށް ނުރައްކާތެރި، ގަވާއިދާ ޚިލާފު ކަނޑު ދަތުރުތައް ކޮށްގެން އެހެން ގައުމުތަކަށް އެތެރެވާން މަސައްކަތްކުރަމުންނެވެ.
Ads by MACL
