ޓްރަމްޕްގެ އިންޒާރުތަކަށް ގޮންޖަހައި، ޗައިނާގެ ބޯޓެއް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވާ އިންޒާރުތަކަށް ގޮންޖެހުމަށްފަހު، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ތެޔޮ އުފުލާ ޓޭންކަރެއް ކާމިޔާބުކަމާއެކު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ.
މިއީ އީރާނުގެ ބަނދަރުތައް ހިޞާރުކުރުމަށް ޓްރަމްޕް ނިންމި ނިންމުމާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެމެރިކާއިން އެ ކަނޑުއޮޅި ބަންދުކުރި ފަހުން، އެމެރިކާގެ ފިޔަވަޅުތައް ރައްދުވާ އުޅަނދެއް އެ ސަރަޙައްދު ހުރަސްކުރި ފުރަތަމަ ފަހަރެވެ.
ކަނޑުދަތުރުތަކުގެ މަޢުލޫމާތު އެއްކުރާ ބައިނަލްއަޤުވާމީ އިދާރާތައް ކަމަށްވާ 'ކެޕްލަރ' އާއި 'މެރިންޓްރެފިކް' ގެ ޑޭޓާތަކުން ސާބިތުވާ ގޮތުގައި، މި ދަތުރު ކޮށްފައިވަނީ ޗައިނާގެ ޝޮންގްހާއި ޝުއަންރަން ޝިޕިންގް ކުންފުންޏަށް ނިސްބަތްވާ "ރިޗް ސްޓާރީ" އެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މި ޓޭންކަރު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެ ސަރަޙައްދު ބަންދުކޮށްގެން ތިބި އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ކުރިމަތިން ކަމަށް ވުމެވެ.
Ads by BML"ރިޗް ސްޓާރީ" އަކީ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާތީ އެމެރިކާގެ ބްލެކްލިސްޓަށް ލައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ. ނަމަވެސް މިފަހަރު އެ ބޯޓު ފުރާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ޙަމްރިއްޔާ ބަނދަރުން ތެޔޮ ބަރުކޮށްގެންނެވެ. މި މައްސަލައިގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ، ޓްރަމްޕްގެ ހިޞާރުގެ އަމުރު ތަންފީޒުކުރަނީ ހަމައެކަނި އީރާނަށް ވަންނަ އަދި އީރާނުން ނުކުންނަ އުޅަނދުތަކަށް ކަމަށެވެ.
ސެންޓްކޮމްއިން މިގޮތަށް ބުނި ނަމަވެސް، މީގެ ކުރިން ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކަށްވެސް ހުރަސްއަޅައި ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ. "ރިޗް ސްޓާރީ" ގެ އިތުރުން، ރަޝިޔާއާއި އީރާނުގެ ތެޔޮ އުފުލައިގެން އެމެރިކާގެ ފިޔަވަޅުތައް ރައްދުވެފައިވާ "މުރްލީކިޝަން" ކިޔާ ބޯޓެއްވެސް ދާދިފަހުން ވަނީ އެ ކަނޑުއޮޅި ހުރަސްކޮށް ޢިރާޤުގެ ބަނދަރަކަށް ގޮސްފައެވެ. މި ހާދިސާތަކުގެ ސަބަބުން، އެމެރިކާއިން ކުރިއަށްގެންދާ ހިޞާރުގެ އޮޕަރޭޝަންގެ ކާމިޔާބީއާމެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
Ads by MACL
