ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކުރަން ފަށައިފި

އޮމާންގެ މުސަންދަމް ޕްރޮވިންސްގެ އައްސޭރިފަށުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓެއް -- ފޮޓޯ: ރޮއިޓާސް
އޮމާންގެ މުސަންދަމް ޕްރޮވިންސްގެ އައްސޭރިފަށުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓެއް -- ފޮޓޯ: ރޮއިޓާސް

އިރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރު ހުއްޓުވައި، އެމެރިކާ ސިފައިން އެ ގައުމުގެ ބަނދަރުތައް ބަންދުކުރަން ފަށައިފިއެވެ.

މި ފިޔަވަޅާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލޭނެ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާއާއި އިރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ކަމުގެ އިޝާރާތްތަކެއް ލިބުމާއެކު ތެލުގެ އަގު ވަނީ ކުޑަކޮށް ދަށަށް ގޮސްފައެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއި އިރާނުގެ އިސްވެރިންގެ މެދުގައި ބޭއްވި މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ނިމުނު ނަމަވެސް، ދެ ފަރާތުގެ މެދުގައި އަދިވެސް ގުޅުންތައް ކެނޑިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓްރަމްޕް ބުނި ގޮތުގައި އިރާނުން އޮތީ އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވެފައެވެ. ނަމަވެސް އިރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ލިބޭނެ އެއްވެސް ކަމަކަށް އެއްބަސްނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (CENTCOM) ހާމަކުރި ގޮތުގައި، މި ބްލޮކޭޑް ފެށި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެއްވެސް އުޅަނދަކަށް އެމެރިކާގެ ހުއްދަ ނެތި އިރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެފައެއް ނުވެއެވެ. އަދި  މުދާ އުފުލާ ހަ ބޯޓެއް އެމެރިކާގެ އެންގުމަށް ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެމެރިކާއާއި ނަތަންޔާހޫގެ އިސްރާއީލުން އިރާނާ ދެކޮޅަށް ފަށާފައިވާ މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނުތަނަވަސްކަން ވަނީ ކުރިމަތިވެފައެވެ. ބްރެންޓް ކްރޫޑް ތެލުގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އެރި ނަމަވެސް، މިހާރު ވަނީ 97.80 ޑޮލަރަށް ތިރިވެފައެވެ.

އެމެރިކާގެ ވެރިން ބުނަމުންދަނީ މި ބްލޮކޭޑްގެ މަގްސަދަކީ އިރާނަށް ޕްރެޝަރު ބޮޑުކޮށް، އެމެރިކާގެ ޝަރުތުތަކަށް އެ ގައުމު އެއްބަސްކުރުވުމެވެ. ނަމަވެސް އިރާނުން ބުނެފައިވަނީ މިއީ ކަނޑުފޭރުމުގެ އަމަލެއް ކަމަށާއި، މިކަމުގެ ބަދަލު ހިފާނެ ކަމަށެވެ.