އެމެރިކާ-އީރާނު މަޝްވަރާގައި ކުރިއެރުން ލިބޭނެކަމުގެ އުންމީދުބޮޑު: ޕާކިސްތާނު
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ހާމަކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްލާމްއާބާދުން މިހާރު ދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، މަސްލަހަތު ގާއިމުކުރުމަށްޓަކައި ހަރުދަނާ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާސިމް މުނީރު އިސްކޮށް ހުންނަވާ މަތީ ފަންތީގެ ވަފުދެއް މިހާރު ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފައެވެ.
އީރާނުގެ ޕްރެސް ޓީވީން ބުނާ ގޮތުގައި ޖެނެރަލް މުނީރުގެ މި ދަތުރުފުޅަކީ އެމެރިކާގެ ސަރުކާރުން އީރާނުގެ ލީޑަޝިޕަށް ފޮނުވި މުހިންމު މެސެޖެއް ހަވާލުކުރެއްވުމަށާއި، ދެ ގައުމުގެ ދެމެދުގައި ބާއްވާ ދެވަނަ ބުރުގެ މަޝްވަރާތަކަށް މަގުފަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ ޕާކިސްތާނުގެ ވަފުދަށް މަރުހަބާ ދަންނަވައި، މި ދަތި އުނދަގޫ ދަނޑިވަޅުގައި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނުން ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލާނެ މުއްދަތަކާ މެދުގައެވެ. އެމެރިކާއިން ބޭނުންވަނީ 20 އަހަރުގެ މުއްދަތަކަށް އެ މަސައްކަތް ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ބޭނުންވަނީ 5 އަހަރުގެ މުއްދަތެކެވެ. މީގެ އިތުރުން، އީރާނުގައި މިހާރު ހުރި 440 ކިލޯގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާ މެދު އަމަލުކުރާނެ ގޮތަކާ މެދުވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. އޭގެ ތެރޭގައި އެ ތަކެތި ތިންވަނަ ގައުމަކަށް ފޮނުވާލުން ނުވަތަ އޭގެ މިންވަރު ދަށްކުރުން ހިމެނެއެވެ.
ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެސެޖުތައް ބަދަލުކުރުމުގައި މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެވެ. އަދި އީރާނުގެ ލީޑަޝިޕް މިކަމަށް އެއްބަސް ކުރުވޭނެ ކަމުގެ ފުރިހަމަ އުންމީދު ޕާކިސްތާނުގެ މެދުވެރިންނަށް އެބައޮތެވެ.
Ads by MACL
