ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރަށް އަދި ތާރީޚެއް ކަނޑަނާޅާ ކަމަށް އީރާނުން ބުނެފި

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސަޢީދު ޚަތީބްޒާދާ -- ފޮޓޯ: ރޮއިޓާސް
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސަޢީދު ޚަތީބްޒާދާ -- ފޮޓޯ: ރޮއިޓާސް

އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚަތީބްޒާދޭ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އޭގެ ކުރިން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގެ އޮނިގަނޑެއް އެކުލަވާލަން ޖެހޭކަމަށެވެ.

1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އެމެރިކާއާއި އީރާނާ ދެމެދު ބޭއްވި އެންމެ އިސް ފެންވަރުގެ މަޝްވަރާތައް މިދިޔަ ހަފުތާ ބަންދުގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ނިމިފައިވަނީ އެއްވެސް އެއްބަސްވުމަކާ ނުލައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ މި ހަފުތާ ބަންދުގައި އިތުރު ސީދާ މަޝްވަރާތަކެއް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ޑިޕްލޮމެޓުން ބުނާ ގޮތުގައި އިސްލާމްއާބާދުގައި މި މަޝްވަރާތައް ބޭއްވުމަށް ހުރި އިންތިޒާމުތަކުގެ ދަތިކަމާ ހުރެ މިއީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ.

ތުރުކީގެ އަންޓާލިއާގައި އޮތް ޑިޕްލޮމެސީ ފޯރަމެއްގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޚަތީބްޒާދޭ ވިދާޅުވީ، މިހާރު އިސްކަންދެނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ އޮނިގަނޑު ފުރިހަމަކުރުމަށް ކަމަށެވެ. އަދި ނާކާމިޔާބުވާނެކަން ޔަގީންވާފަދަ އަދި އިތުރު މައްސަލަތަކަކަށް (އެސްކެލޭޝަންއަކަށް) މަގުފަހިވެދާނެފަދަ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާން ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އޮނިގަނޑަކަށް އެއްބަސްވެވެންދެން އަޅުގަނޑުމެންނަކަށް ތާރީޚެއް ކަނޑައެއް ނޭޅޭނެ... ހަގީގަތުގައިވެސް [މަޝްވަރާތަކުގައި] ބޮޑެތި ކުރިއެރުންތަކެއް ލިބުނު. ނަމަވެސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އަނެއް ފަރާތުން (އެމެރިކާއިން) ގެންގުޅުނު ހަރުކަށި ސިޔާސަތުގެ ސަބަބުންނާއި، ބައިނަލްއަގުވާމީ ގާނޫނުތަކުން އީރާން އިސްތިސްނާކުރަން މަސައްކަތްކުރުމުން އެއްބަސްވުމަކާ ހަމައަށް ނާދެވުނީ،" އޭނާ ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުން އިސްތިސްނާވާނެ ގައުމެއްކަމަށް އީރާނުން ގަބޫލުނުކުރާނެ ކަމަށާއި، އީރާނުން އަމަލުކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންކަން ވަރަށް ސާފުކޮށް ވިދާޅުވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލާއި ލުބުނާނާ ދެމެދު އެމެރިކާ މެދުވެރިވެގެން ބުރާސްފަތި ދުވަހު ގެނައި 10 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން ހޯރމޫޒް ކަނޑުއޮޅި ވަގުތީގޮތުން ހުޅުވާލުމަށްފަހު، ހޮނިހިރު ދުވަހު އަނެއްކާވެސް އީރާނުން އެތަން ބަންދުކުރިކަމަށް ފެތުރެމުންދާ ރިޕޯޓުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ޚަތީބްޒާދޭ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަން އީރާނުން އޮތީ އިއުލާނުކޮށްފައި ކަމަށެވެ.

"އެމެރިކާއިން އެކަމަށް ހުރަސްއަޅަން މަސައްކަތްކުރީ އީރާނުގެ މީހުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ކަނޑުއޮޅި ހުޅުވާލާފައިވާކަމަށް ބުނެގެން. އެހެންވެ އަޅުގަނޑުމެން ބުނީ އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އަދި ބަހުގެ އިތުބާރު ނުހިފަހައްޓައިފިނަމަ، އޭގެ ނޭދެވޭ އަސަރު އެމީހުންނަށް (އެމެރިކާއަށް) ކުރާނެކަމަށް،" ޚަތީބްޒާދޭ ވިދާޅުވިއެވެ.