ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މަޝްރަހު ފިނިވާން ފެށުމާއެކު އިއްތިހާދުން އަލުން އިސްރާއީލަށް ދަތުރުތައް ފަށައިފި

މަޝްރަހު ފިނިވާން ފެށުމާއެކު އިއްތިހާދުން އަލުން އިސްރާއީލަށް ދަތުރުތައް ފަށައިފި

މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ޔޫއޭއީގެ ގައުމީ އެއަރލައިން، އިއްތިހާދު އެއަރވޭސްއިން އިސްރާއީލުގެ ތެލް އަވީވަށް ކުރަމުންދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ.

ސަރަހައްދީ ހަނގުރާމައިގެ ނުތަނަވަސްކަމާ ހުރެ މެދުކަނޑާލާފައި އޮތް މި ދަތުރުތައް އިއްޔެ އަލުން ފަށާފައިވާއިރު، މިއީ ހަނގުރާމައަށްފަހު އެ ގައުމަށް އުދުހުންތައް ފެށި ފުރަތަމަ އެއަރލައިނެވެ.

ޔޫއޭއީގައި ހުންނަ އިސްރާއީލުގެ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި، އިއްތިހާދުން ދެން ދުވާލަކު ދެ ފްލައިޓް ތެލް އަވީވަށް ބާއްވާނެއެވެ. އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އިސްރާއީލުގެ ގިނަ ރައްޔިތުން އިތުބާރުކުރާ އެއަރލައިނެއް ކަމަށާއި، މި ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާއި އިސްރާއީލާ ދެމެދު ފެށުނު އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ގަލްފުގެ ވައިގެ ސަރަހައްދު ބަންދުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް، މަޑުމަޑުން މަޝްރަހު ހަމައަކަށް އެޅެމުންދާތީ އެއަރލައިންތަކުން ދަނީ އަލުން އުދުހުންތައް ތަރުތީބު ކުރަމުންނެވެ.

އިއްތިހާދުން މި ނިންމުން ނިންމާފައި މިވަނީ، ފަލަސްތީނުގެ މައްސަލައިގައި އިސްރާއީލުގެ އަމަލުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަމުން، ޔޫއޭއީގެ މި ފިޔަވަޅާ މެދު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.