އިރާނުގެ ތެޔޮ ބޯޓުތައް ހިފަހައްޓަން އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވެއްޖެ
އިރާނުގެ ތެޔޮ އުފުލާ އުޅަނދުތަކަށް އަރައި، އެ ބޯޓުތައް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުޅާ ދާއިރާއެއްގައި ތައްޔާރީތައް ވަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އިއްޔެ ޝާއިއުކޮށްފައިވާ ގޮތުން، 'އިކޮނޮމިކް ފިއުރީ' ގެ ނަމުގައި ފަށާ މި ހަރަކާތުގެ އަމާޒަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން އިރާނުގެ ޓޭންކަރުތައް ހޯދައި ހުއްޓުވުމެވެ. މީގެ މައިގަނޑު ބޭނުމަކީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެގައުމަށް ޕްރެޝަރު ކުރުމާއި، ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް މަޖުބޫރުކުރުވުމެވެ.
މި ފިޔަވަޅުތައް ހަމައެކަނި އަމާޒުކުރާނީ މެދުއިރުމައްޗަކަށް ނޫނެއެވެ. އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އޮޅުވާލައިގެން ދަތުރުކުރާ އިރާނުގެ ސިއްރު އުޅަނދުފަހަރު (ޑާކް ފްލީޓް) ދުނިޔޭގެ ކޮންމެ ތާކު އޮތްނަމަވެސް ހޯދައި، އެ ތަކެއްޗާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެމެރިކާއިން ފަސްނުޖެހޭނެއެވެ.
މިހާތަނަށް އައިއިރުވެސް އެމެރިކާއިން ވަނީ އިރާނުގެ ބަނދަރުތަކުން ފުރަން އުޅުނު 23 އުޅަނދެއް ހިފަހައްޓާފައެވެ. އަދި ޗައިނާ ފަދަ ގައުމުތަކަށް ތެޔޮ ގެންދާ ބޯޓުތައްވެސް ޓްރެކްކޮށް ހުއްޓުވުމުގެ މަސައްކަތް ފުޅާކުރާނެކަމަށް އޮފިޝަލުން ހާމަކުރެއެވެ. އެމެރިކާއިން މި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުކުރާ ބޯޓުފަހަރަށް އިރާނުން ހަމަލާދީ، އެ ސަރަހައްދުގެ ކޮންޓްރޯލް ނަގަން އިއްޔެ މަސައްކަތްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، ސީދާ އަސްކަރީ ކުރިމަތިލުމަކަށް ދިއުމަށްވުރެ ބޮޑަށް އެމެރިކާއިން މިވަގުތު ބޭނުންވަނީ އިގްތިސާދީ ގޮތުން އިރާނަށް ދަތިކޮށްގެން މަގުސަދު ހާސިލުކުރުމަށެވެ. ނަމަވެސް ކުރިއަށް އޮތް މަޝްވަރާތަކުން އަލިމަގެއް ނުފެނިއްޖެނަމަ، އަސްކަރީ ބާރުގެ ބޭނުންކުރުމަށް އެމެރިކާ ސިފައިން އޮތީ ފުރިހަމައަށް ތައްޔާރަށެވެ. މިއާއެކު، މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.
Ads by MACL
