ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި އީރާނާއެކު މިއަދު ސޮއިކުރާނެ ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ފޮކްސް ނިއުސްގެ ރިޕޯޓަރު މާރިއާ ބާޓީރޯމޯއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ޕާކިސްތާނުގައި ކަމަށެވެ. ނަމަވެސް، މި އިންޓަވިއު ދިން ވަގުތު ސާފުނުވާތީ، "މިއަދު" އަކީ ކޮން ތާރީޚެއް ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އީރާނުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެވަނަ ބުރުގެ މަޝްވަރާތަކަށް އިޖާބަދިނުމުގެ ޝައުގުވެރިކަން އީރާނުން ވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް، އެ ގައުމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މަޝްވަރާތަކަށްޓަކައި އެމެރިކާގެ މަތީ ފަންތީގެ ވަފުދެއް އިސްލާމްއާބާދަށް ދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ނައިބު ރައީސް ޖޭޑީ ވެންސް ނުދާނެ ކަމަށް ޓްރަމްޕް ބުނި ނަމަވެސް، މިހާރު ވެންސްގެ އިތުރުން ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ ވެސް މި ދަތުރުގައި ބައިވެރިވާނެ ކަމަށް އޭނާ ބުންޏެވެ.
މި މަޝްވަރާތަކުގެ ތެރެއިން ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. އޭނާ ބުނީ، އެއްބަސްވުމެއްގައި ސޮއިނުކޮށްފި ނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ހުރިހާ ފާލަމެއް ގޮއްވާލާނެ ކަމަށެވެ.
އީރާނުން މީގެ ކުރިން ބުނަމުން އައީ، ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައިވާ މުއްދަތުގެ ތެރޭގައިވެސް އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް އުޅަނދުތަކަށް ހުރަސްއަޅަމުންދާތީ އެމެރިކާގެ ނިޔަތް ސާފުނުވާ ކަމަށެވެ. ނަމަވެސް، މި ހުރަސްތައް ނައްތާލުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ބަލައި، އަލުން މަޝްވަރާއަށް ދިއުމަށް މިހާރު ޕޮޒިޓިވްކޮށް ވިސްނަމުންދާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ޕާކިސްތާނުން ވަނީ މިދިޔަ އޭޕްރީލް މަހުގެ 11 އާއި 12 ގައި އެމެރިކާއާއި އީރާނުގެ މެދުގައި ބޭއްވި މަތީ ފަންތީގެ ފުރަތަމަ ސީދާ ބައްދަލުވުން އިންތިޒާމްކޮށްފައެވެ. މިއީ 1979 ވަނަ އަހަރު ދެ ގައުމުގެ ގުޅުން ކެނޑުނު ފަހުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ނަމަވެސް އެ މަޝްވަރާތައް ނިމުނީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.
Ads by MACL
