ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނު ފުނޑާލުމަށް ޓްރަމްޕް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެތަ؟

އީރާނު ފުނޑާލުމަށް ޓްރަމްޕް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެތަ؟

އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ، ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.
ޓްރަމްޕް ދެއްކި ބައެއް ވާހަކަތަކަށް ބަލާއިރު، އޭނާ އިޝާރާތް ކުރަނީ އާދައިގެ އަސްކަރީ ހަމަލާއަކަށްވުރެ ނުރައްކާތެރި، ނިއުކްލިއާ ފިޔަވަޅަކަށް ކަމަށް ބެލެވޭނެ ގިނަ ހެކިތަކެއް އެބަހުއްޓެވެ.

ޓްރަމްޕް ވަނީ އީރާނަކީ "އެންމެ ރެއަކުން ފުނޑާލެވިދާނެ" ތަނެއް ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި މުޅި ޙަޟާރަތު މިރޭ މަރުވެގެން ހިނގައިދާނެ ކަމަށާއި، އެއީ ދުވަހަކުވެސް އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން ޓްރަމްޕާ ގާތް ގުޅުމެއް ބާއްވާ މާކް ލެވިން ވަނީ އީރާނުގެ ހާލަތަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނަށް ދިމާވި ފަދަ ހާލަތެއް ކަމަށް ބުނެފައެވެ. އެމެރިކާގެ އެތައް މިލިއަން ބަޔަކު ސަލާމަތް ކުރުމަށްޓަކައި ޓްރޫމަން އެޓަމް ބޮން ބޭނުންކުރި ފަދައިން، އީރާނާ މެދުވެސް އެފަދަ ފިޔަވަޅެއް އެޅުމަށް އޭނާ ދަނީ ބާރުއަޅަމުންނެވެ. އޭނާ ބުނާ ގޮތުގައި މިއީ ދެވަނަ ބޮޑު ހަނގުރާމަ ފަދަ ނުރައްކާތެރި ހާލަތެކެވެ.
ޓްރަމްޕްގެ ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކުރެވޭ ޓަކާ ކާލްސަން ވެސް ވަނީ ޓްރަމްޕް ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެފަދަ އަމުރެއް އަތުވެއްޖެނަމަ، އެމެރިކާގެ އަސްކަރީ އިސްވެރިން އެކަމަށް ކިޔަމަން ނުވުމަށާއި ނިއުކްލިއާ ކޯޑުތަކާ އަމިއްލައަށް ހަވާލުވުމަށް އޭނާ ވަނީ ގޮވާލާފައެވެ. މިއީ ޓްރަމްޕްގެ އަމިއްލަ ކޭމްޕުގެ ތެރެއިން ފެނުނު އާދަޔާ ހިލާފު ކަންބޮޑުވުމެކެވެ.

ދަ ގާޑިއަން ނޫހުން ރިޕޯޓްކުރާ ގޮތުގައި، ޓްރަމްޕްގެ މިހާރުގެ އަދި ކުރީގެ މުޝީރުންގެ މެދުގައި ވެސް އޭނާ ނިއުކްލިއާ ބޮން ބޭނުންކޮށްފާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. ޓްރަމްޕް އެއްވެސް "ރަތް ރޮނގަކަށް" އަކަށް އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަމެއް އޭނާގެ އެންމެ ގާތް މީހުންނަށް ވެސް މިހާރު ނެތް ކަމަށް އެ ނޫހުން ބުނެއެވެ.

ޓްރަމްޕްގެ ރަނިންގ މޭޓް ޖޭޑީ ވެންސް ދެއްކެވި ވާހަކަތަކުން ވެސް މިކަމަށް ބާރު ލިބެއެވެ. އީރާނުން ގޮތް ބަދަލު ނުކޮށްފިނަމަ، މިހާތަނަށް ބޭނުން ނުކޮށް ހުރި "ހަތިޔާރުތައް" ޓްރަމްޕް ބޭނުން ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިއީ ސީދާ ނިއުކްލިއާ ހަތިޔާރަށް ދިން އިޝާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނިއުކްލިއާ ހަތިޔާރަކީ ބޭނުންކުރަން ހެޔޮނުވާނެ އެއްޗެއް ކަމަށް ބަލާ އުސޫލުތައް ޓްރަމްޕް ގަބޫލެއް ނުކުރެއެވެ. 2016 ވަނަ އަހަރު އޭނާގެ މުޝީރަކާ ސުވާލުކުރަމުން، ނިއުކްލިއާ ހަތިޔާރު ހުރި ނަމަ ބޭނުން ނުކުރަންވީ ކީއްވެގެންތޯ ތިން ފަހަރު މަތިން އޭނާ ސުވާލުކުރި ކަމަށް "ދަ އެމެރިކަން ކޮންޒަވޭޓިވް" މަޖައްލާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އީރާނަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް، އެމެރިކާ ސަރުކާރުން މީގެ ކުރިން ކަންކަމުގައި އޮޅުވާލާފައިވާ މިންވަރަށް ބަލާއިރު، އެމީހުންގެ އެ ވާހަކަތަކަށް އިތުބާރު ކުރެވޭކަށް ނެތެވެ.