އީރާނުގެ ޚާރްގަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ޓްރަމްޕްގެ އިންޒާރެއް މުޅި ދުނިޔެއަށް
އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމަށްފަހު، ހޯރްމުޒް ކަނޑުއޮޅި ހިމާޔަތްކުރުމަށް ދުނިޔޭގެ ގައުމުތަކުން އަސްކަރީ މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް މުޅި ދުނިޔެއަށް އިންޒާރުކޮށް ގޮވާލައިފިއެވެ.
ޓްރަމްޕް ބުނި ގޮތުގައި އީރާނުގެ ތެޔޮ އިގްތިސާދުގެ "ކްރައުން ޖުއެލް" ގެ ގޮތުގައި ބެލެވޭ ޚާރްގް އައިލެންޑަށް ދީފައިވަނީ މެދުއިރުމަތީގެ ތާރީޚުގައިވެސް ދެވުނު އެންމެ ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މި ހަމަލާތަކުގައި އެ ރަށުގެ ހުރިހާ އަސްކަރީ އަމާޒުތަކެއް މިހާރު ވަނީ ފުނޑުފުނޑުކޮށްލާފައި ކަމަށްވެސް އޭނާ ބުންޏެވެ.
ޚާރްގްގެ ތެޔޮ އިންފްރާސްޓްރަކްޗަރ އަށް އަދި ގަސްތުގައި ހަމަލާ ނުދޭ ކަމަށާއި، ނަމަވެސް ހޯރްމުޒް ކަނޑުއޮޅީގެ މިނިވަން ދަތުރުފަތުރަށް އީރާނުން ހުރަސްއަޅައިފިނަމަ، އެ ނިންމުން ވަގުތުން ބަދަލުކޮށް ތެޔޮ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ.
Ads by BMLމި ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، ކުވެއިތުގެ އިންޓަނޭޝަނަލް އެއަރޕޯޓަށާއި އަހުމަދު އަލް-ޖާބިރު އެއާބޭސްއަށް ޑްރޯން ހަމަލާތަކެއް ދީފައިވާއިރު، ތިން ސިފައިން ވަނީ ޒަޚަމްވެފައެވެ. މި ނުރައްކާތަކާ ގުޅިގެން އިރާގުގެ ބަޣްދާދުގައި ތިބި އެމެރިކާ މީހުން ވަގުތުން އެ ގައުމުން ފޭބުމަށް އެމެރިކާ އެމްބަސީން ވަނީ އަމުރުކޮށްފައެވެ.
އީރާނުން ވަނީ ޔޫއޭއީގެ މައި ތިން ބަނދަރަކުން މީހުން ހުސްކުރުމަށް އިންޒާރު ދީފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ބުނި ގޮތުގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމުގައި ޔޫއޭއީގެ ބަނދަރުތައް ދަނީ ބޭނުންކުރަމުންނެވެ. މި އިންޒާރަށް ފަހު ފުޖައިރާ ބަނދަރު ކައިރިއަށް ވެއްޓުނު ޑްރޯނެއްގެ ސަބަބުން އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.
ހޯރްމުޒް ކަނޑުއޮޅި މިހާރު ހުޅުވާލާފައި އޮތީ ހަމައެކަނި އީރާނުގެ ރަހުމަތްތެރި ގައުމުތަކަށް ކަމަށާއި، އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ކަރަންޓު އުފައްދާ ތަންތަނަށް ހަމަލާދީފިނަމަ، މުޅި ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތައް ހަލާކުކޮށްލައި ކަނޑުއޮޅި އެއްކޮށް ބަންދުކުރާނެ ކަމަށް އީރާނުގެ އިސްވެރިން ވަނީ ބުނެފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނަށް 150 ހަމަލާ ދީފައިވާއިރު، އީރާނުން ބަދަލުގައި 400 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް އިޒްރޭލަށް ފޮނުވާލާފައެވެ. އިޒްރޭލުން ބުނާ ގޮތުގައި އޭގެ ތެރެއިން 92 އިންސައްތަ މިސައިލް ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ.
އީރާނުގެ އިސްފަހާންގައި ހުންނަ ކާރުޚާނާއަކަށް އެމެރިކާ އާއި އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި 15 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަލާތަކާއެކު މުޅި މެދުއިރުމަތީގެ މަސްރަހު މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.
Ads by MACL
