ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް، އޭއައި އަށް އަމާޒުކޮށް ކުންފުނި އަލުން ބައްޓަންކުރަން ފަށައިފި

އެޕަލްގެ އާ އިސްވެރިޔާ ޖޯން ޓާނަސް ---
އެޕަލްގެ އާ އިސްވެރިޔާ ޖޯން ޓާނަސް ---

އެޕަލްގެ އިސްވެރިޔާ ޓިމް ކުކް ސެޕްޓެމްބަރު މަހު މަގާމުން ވަކިވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމާ ހަވާލުވުމަށް ކަނޑައެޅިފައިވާ ކުންފުނީގެ ހާޑްވެއަރ އިންޖިނިއަރިންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ޖޯން ޓާނަސް، ކުންފުނީގެ ދާޚިލީ މަސައްކަތްތައް އޭއައި އަށް ބިނާކޮށް އަލުން ތަރުތީބުކުރުމުގެ މަސައްކަތް މިހާރުން ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ބްލޫމްބާގގެ މަޝްހޫރު ރިޕޯޓަރު މާކް ގާމަން ހަވާލާދީ ގެޖެޓްސް 360 އިން ބުނެފައިވާ ގޮތުގައި، ޓާނަސް ވަނީ ހާޑްވެއަރ އިންޖިނިއަރިން ޓީމުގައި އާ އޭއައި ޕްލެޓްފޯމެއް ތަޢާރަފްކޮށްފައިވެއެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ އުފެއްދުންތައް ތަރައްޤީކުރާ މުއްދަތު ކުރުކޮށް، ޑިވައިސްތަކުގެ ފެންވަރު އިތުރުކުރުމެވެ. މުވައްޒަފުންނާ މުޚާތަބުކޮށް އޭނާ ވިދާޅުވެފައިވަނީ، ވާދަވެރި ކުންފުނިތަކާ ހަމައަށް ދިއުމަށް އެޕަލްގެ ހުރިހާ ދާޚިލީ މަސައްކަތެއްގައި ވެސް އޭއައި ފުންކޮށް ބޭނުންކުރާނެ ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓާނަސްގެ ވެރިކަން ކުރާ ގޮތަކީ ޓިމް ކުކްގެ އިޖްމާޢީ އުސޫލާ ޚިލާފަށް، ސާފު ނިންމުންތައް މަރުކަޒީ ގޮތެއްގައި އަވަހަށް ނިންމާ، އަމަލީ ނަތީޖާއަށް އިސްކަންދޭ ގޮތެކެވެ.

2001 ވަނަ އަހަރު އެޕަލްއާ ގުޅުނު ޓާނަސް ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު އައިފޯން، މެކް، އައިޕެޑް، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ ގޮތަށް ކުންފުނީގެ މުހިންމު އުފެއްދުންތަކުގެ އިންޖިނިއަރިން މަސައްކަތް ލީޑްކޮށްފައިވެއެވެ.

އޭއައި އަށް އަމާޒުކޮށްގެން އެޕަލްއިން މިހާރު ތަރައްޤީކުރަމުންދާ އުފެއްދުންތަކުގެ ތެރޭގައި، މޫނު ދެނެގަންނަ ޓެކްނޮލޮޖީ ހިމެނޭ ސްމާޓް ހޯމް ޑިސްޕްލޭއެއް، ރޮބޮޓިކް އާމެއް ހަރުކޮށްފައިވާ ޓޭބަލްޓޮޕް އައިޕެޑް ފަދަ ޑިވައިސްއެއް، އަދި ޕްރައިވެސީއަށް އިސްކަންދޭ ސެކިއުރިޓީ ކެމެރާއެއް ހިމެނެއެވެ. އިތުރަށް، ކޮންޓެކްސްޗުއަލް އޭއައި އާއި ކޮމްޕިއުޓަރ ވިޝަން ބޭނުންކުރާ ސްމާޓް ގްލާސް އާއި ޕެންޑަންޓް ސައިޒުގެ އޭއައި ޑިވައިސްއެއް ވެސް ތަޖުރިބާކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޓާނަސް އިސްވެރިޔާކަމަށް ހޮވުނު އެއް ސަބަކީ، އެޕަލްގެ އުފެއްދުންތަކުގެ ރޯޑްމެޕް އަލުން ބައްޓަންކޮށް، ކުންފުނި އޭއައި ޒަމާނަށް ގެންދިއުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރުން ކަމަށް ރިޕޯޓުގައި ވެއެވެ. ނަމަވެސް، އެޕަލްގެ އޭއައި މަސައްކަތްތައް ރަނގަޅު ތަންފީޒަކަށް ގެނައުމަކީ އޭނާއަށް އިސްވެރިޔާގެ ގޮތުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ބެލެވިފައިވެއެވެ.