ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުން ހޯރްމުޒް ކަނޑުއޮޅީގައި ދެ އުޅަނދު ހިފަހައްޓައިފި

ހޯރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކެއް --- ފޮޓޯ: ރޮއިޓާސް
ހޯރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކެއް --- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ދެމުންދިޔަ ހަމަލާތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައިވާ ކަމަށް އިއުލާނުކުރި ނަމަވެސް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުދަ ދުވަހު ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް ހިފަހައްޓައި، އެ ގައުމުގެ ބަނދަރަކަށް ގެންގޮސްފައެވެ.

އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އުޅަނދުތައް ހިފެހެއްޓީ ކަނޑުގެ ބައިނަލްއަގުވާމީ ގަވާއިދުތަކާ ޚިލާފުވި ކަމުގެ ތުހުމަތުގައެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން އީރާނުން އުޅަނދެއް ހިފެހެއްޓި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ، ހަމަލާތައް ހުއްޓާލަން ނިންމީ ޕާކިސްތާނުގެ މެދުވެރިންގެ އެދުމަކަށް، ދެ ފަރާތަށް އެއްބަސްވެވޭ ހުށަހެޅުމެއް އެކުލަވާލައި މަޝްވަރާތައް ނިމެންދެން ކަމަށެވެ. ނަމަވެސް، ހަމަލާ ދިނުން ހުއްޓާލި ނަމަވެސް އީރާނުގެ ކަނޑުގެ ވިޔަފާރި ބްލޮކް ކުރުމުގެ މަސައްކަތް އެމެރިކާގެ ނޭވީން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އީރާނުން ބުނަމުންދަނީ އެމެރިކާގެ ބްލޮކޭޑަކީ ހަނގުރާމައިގެ އަމަލެއް ކަމަށާއި، އެ ބްލޮކޭޑް ދެމިއޮންނަ ހާ ހިނދަކު، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.

ތެހެރާންގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި އީރާނުން ވަނީ ބެލިސްޓިކް ހަތިޔާރުތައް ދައްކާލައި، ހޯރްމުޒް އޮތީ އެގައުމުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ބުނެ ޓްރަމްޕަށް ގޮންޖަހާފައެވެ. ހަމައެއާއެކު، ބުދަ ދުވަހުވެސް އެ ސަރަހައްދުން ދަތުރުކުރި އިތުރު އުޅަނދުތަކަކަށް އީރާނުގެ ގަންބޯޓުތަކުން ބަޑީގެ ހަމަލާދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އިދާރާ (UKMTO) އިން ވަނީ ރިޕޯޓްކޮށްފައެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ބުނީ، އަންގާރަ ދުވަހު ބާއްވަން އުޅުނު އެންމެ ފަހުގެ މަޝްވަރާތަކަށް އެމެރިކާ އާއި އީރާނުން ވެސް ހާޒިރުނުވުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އީރާނުން ބުނަމުންދަނީ އެމެރިކާގެ ބްލޮކޭޑް ހަތިޔާރުގެ ބާރުން ބިންދާލާނެ ކަމަށާއި، އެމެރިކާގެ އަމަލުތަކަކީ "ދައުލަތީ ޓެރަރިޒަމް" ކަމަށެވެ.

މި ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. ބްރެންޓް ކްރޫޑްގެ އަގު 1 އިންސައްތަ މައްޗަށް ގޮސް 99.46 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ޑަބްލިއު.ޓީ.އައި ކްރޫޑްގެ އަގު ވަނީ 90.43 ޑޮލަރަށް އުފުލިފައެވެ.

މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓާލުމަށް ވޮޝިންޓަނުން ކުރާ ޝަރުތާއި، އެމެރިކާގެ ބްލޮކޭޑް އުވާލައި އިސްރާއީލުން ލުބުނާނަށްދޭ ހަމަލާތައް ހުއްޓާލުމަށް އީރާނުން ކުރާ ޝަރުތުތައް ހިމެނެއެވެ. އީރާނުގެ އިސްވެރިން އަދިވެސް ތިބީ ޓްރަމްޕްގެ ހުށަހެޅުމަށް ރަސްމީ ޖަވާބެއް ނުދީއެވެ.