އީރާނު ހަނގުރާމައިގައި އެމެރިކާގެ އެއްވެސް މަގްސަދެއް ހާޞިލެއް ނުވި: ޕްރޮފެސަރު ޖޯން މިއަޝައިމާ
އީރާނު ހަނގުރާމައިގައި އެމެރިކާ އިން ހާސިލްކުރަން ބޭނުންވި އެއްވެސް މަގްސަދެއް ހާސިލްވެފައި ނުވާ ކަމަށާއި، މި ހަނގުރާމައިން އެމެރިކާ ބޮޑުތަނުން ބަލިވެފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ސިޔާސީ މުފައްކިރު ޕްރޮފެސަރު ޖޯން މިއަޝައިމާ ބުނެފިއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ޝިކާގޯގެ ޕްރޮފެސަރެއް ކަމަށްވާ މިއަޝައިމާ ބުނި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާ އިން ކަނޑައެޅި މައިގަނޑު ހަތަރު އަމާޒުވެސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ.
މިއަޝައިމާ ފާހަގަކުރި ގޮތުގައި އީރާނުގެ ނިއުކްލިއަރ ގާބިލުކަން ނައްތާލުމާއި، އެގައުމުގެ މިސައިލް ޕްރޮގްރާމް ހަލާކުކޮށްލުމަށް އެމެރިކާ އިން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެފައެވެ. މީގެ އިތުރުން މެދުއިރުމަތީގައި އީރާނާ އެކު ތިބި ބައިވެރިން ކަމަށްވާ ޙަމާސް، ޙިޒްބުﷲ އަދި ޙޫޘީންނަށް އީރާނުން ދޭ އެހީތެރިކަން ހުއްޓުވުމަށާއި އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާ އިން ކުރި އުއްމީދުތައްވެސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ.
މިހާރުގެ ހާލަތު އެމެރިކާއަށް ކުރިއަށްވުރެ މާ ނުރައްކާވެފައިވާ ކަމަށާއި، މި ހަނގުރާމައިގެ ތެރެއިން އީރާނުން ވަނީ މިސައިލް ހަމަލާތަކާ ބެހޭ ގިނަ ފިލާވަޅުތަކެއް ދަސްކޮށްފައި ކަމަށް އޭނާ ބުންޏެވެ. އީރާނުން މިހާރު ވަނީ އެމެރިކާގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާނެ ގޮތްތައް ތަޖުރިބާކޮށް، އެގައުމުގެ އަސްކަރީ ބާރު ކުރިއަށްވުރެ މާ ވަރުގަދަކޮށްފައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޓްރަމްޕް އާއި ނަތަންޔާހޫ އަދި އެމެރިކާ އާއި އިސްރާއީލުގެ އެހެން ވެރިންނަށް ހީވެފައި އޮތީ އީރާނަކީ ފަސޭހައިން ބަލިކޮށްލެވޭނެ ބައެއް ކަމަށާއި، ނަމަވެސް އެމީހުންގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ މިހާރު ވަނީ ނުނިމޭ ހަނގުރާމައެއްގެ ތެރޭގައި ތާށިވެފައި ކަމަށް މިއަޝައިމާ ބުންޏެވެ. އީރާނުގެ ބިން ބޮޑުވުމާއި އަސްކަރީ ވަސީލަތްތައް މުޅި ގައުމަށް ފަތުރާލާފައި ހުރުމުގެ ސަބަބުން، އިސްރާއީލާއި އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުތަކުންވެސް އީރާނުގެ އަސްކަރީ ބާރު ކަނޑުވައެއް ނުލެވުނެވެ.
މި ނާކާމިޔާބީތަކުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ އޮތް ބާރުވެރިކަން މުޅިން ބަލިކަށިވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އީރާނުން މިހާރު ވަނީ ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުފޫޒެއް ފޯރުވޭނެ ފަދަ ގޮތަކަށް ހޯރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކޮށްފައި ކަމަށާއި، އެމެރިކާގެ އަސްކަރީ ބާރު މެދުއިރުމަތީގައި ނެތެމުން ދިއުމަކީ އެމެރިކާގެ ބޮޑު ނާކާމިޔާބީއެއް ކަމަށް އޭނާ އިތުރަށް ހާމަކުރިއެވެ.
ޕްރޮފެސަރު ޖޯން މިއަޝައިމާ އަކީ އެމެރިކާގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް މުފައްކިރެވެ. އޭނާއަކީ ޔުނިވަރސިޓީ އޮފް ޝިކާގޯގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެކެވެ. އޭނާ ދުނިޔެއަށް މަޝްހޫރުވެފައިވަނީ "އޮފެންސިވް ރިއަލިޒަމް" (Offensive Realism) ނަމަކަށް ކިޔާ ސިޔާސީ ނަޒަރިއްޔާތެއް އުފެއްދެވި ބޭފުޅެއްގެ ގޮތުގައެވެ.
މި ނަޒަރިއްޔާގައި އޭނާ ބަޔާންކުރައްވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަބަދުވެސް މަސައްކަތްކުރާނީ އެހެން ގައުމުތަކުގެ މައްޗަށް ބާރު ފޯރުވައި (Hegemony)، އެގައުމެއްގެ އަމިއްލަ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ބޭރުގެ ސިޔާސަތުތަކަށާއި، ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ މައްސަލަތަކުގައި އޭނާ ގެންގުޅުއްވާ ފާޅުކަން ބޮޑު، ހަގީގަތާ އެއްގޮތް (realistic) ވިސްނުންތަކުގެ ސަބަބުން އޭނާއަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑަށް ބަލައިގަނެވޭ، އަދި ބައެއް ފަހަރު ބޮޑެތި ބަހުސްތައް އުފެދޭ ފަދަ އިލްމީ ޝަހުސިއްޔަތެކެވެ.
Ads by MACL
