ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޑެންމާކުގައި ދެ ރޭލު އެކްސިޑެންޓްވެ 17 މީހަކު ޒަޚަމްވެއްޖެ

އެކްސިޑެންޓްވި ރޭލެއް --- ފޮޓޯ: ރޮއިޓާސް
އެކްސިޑެންޓްވި ރޭލެއް --- ފޮޓޯ: ރޮއިޓާސް

ޑެންމާކުގެ އުތުރުގައި ދަތުރުކުރަމުންދިޔަ ދެ ރޭލެއް އެކްސިޑެންޓްވެ 17 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ރެސްކިއު ސާވިސްއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިލަރޯޑް އާއި ކަގޭރަޕް އާ ދެމެދު އޮންނަ ރޭލު ދަތުރުކުރާ މަގުގައެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މިއީ ދެ ރޭލު މޫނުމަތިން ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. "ދެ ރޭލު މޫނުމަތިން ޖެހުނު ނަމަވެސް، ރޭލުގެ ތެރޭގައި އެއްވެސް މީހަކު ތާށިވެފައި ނެތް. ހުރިހާ ފަސިންޖަރުން މިހާރު ވަނީ ރޭލުން ބޭލިފައި،" ރެސްކިއު ސާވިސްގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެމްބިއުލަންސްތަކާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްފައިވާއިރު، ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ފަޔަރ ފައިޓަރުންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވި ރީނދޫ އަދި އަޅި ކުލައިގެ ދެ ރޭލުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.