ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުގެ ތިން ބާރުގެ ވެރިން ޓްރަމްޕަށް ހޫނު ރައްދެއް ދީފި

އީރާނުގެ ތިންބާރުގެ ތިން ވެރިން ---
އީރާނުގެ ތިންބާރުގެ ތިން ވެރިން ---

އީރާނުގެ ތިން ބާރުގެ ވެރިން ޓްރަމްޕަށް ހޫނު ރައްދެއް ދީފިއެވެ.

އީރާނުގެ ދައުލަތުގެ ތިން ބާރުގެ ވެރިން އެކުވެގެން ޓްރަމްޕަށް ދިން ރައްދުގައި ބުނެފައިވަނީ، އެ ގައުމުގެ އެތެރޭގައި ބައިބައިވުން އޮތް ކަމަށް ބުނެ އޭނާ ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އެގްޒެކެޓިވް، ލެޖިސްލޭޓިވް އަދި ޖުޑީޝަރީގެ އިސްވެރިން ނެރުއްވި މި ގުޅިފައިވާ މެސެޖުގައި، އީރާނުގެ މަސްލަހަތާ ބެހޭގޮތުން ޓްރަމްޕް ދެއްކި ވާހަކަތައް ވަނީ ވަރުގަދައަށް ދޮގުކޮށްފައެވެ.

މި ރައްދު ދެއްވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލިބާފް އަދި އުއްތަމަ ފަނޑިޔާރު ހުއްޖަތުލްއިސްލާމް ޣުލާމްހުސައިން މުޙްސިނީ-އީޖެއީ އެވެ. އެ ބޭފުޅުން ބަޔާންކުރެއްވި ގޮތުގައި އީރާނުގައި "ހަރުކަށި" ނުވަތަ "މެދުމިނުގެ" ބައެއް ނޫޅެއެވެ. އޭގެ ބަދަލުގައި އެންމެންނަކީވެސް "އީރާނީ" އަދި "އިންގިލާބީ" މީހުން ކަމަށް ބަޔާނުގައިވެއެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ގައުމާއި ސަރުކާރުގެ ބަދަހި އެއްބައިވަންތަކަމާ އެކު އަދި އިސްލާމީ އިންގިލާބުގެ ލީޑަރަށް ފުރިހަމައަށް ކިޔަމަންތެރިވެ ތިބެ، އުދުވާނީ ހަމަލާދޭ ކުށްވެރިން ކުރާ އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭ ވަރުގެ ރައްދެއް އެމީހުންނަށް ދޭނެއެވެ.

މީސްމީޑިއާގައި އާންމުކުރި މި މެސެޖުގައި އެ ބޭފުޅުން ވިދާޅުވީ، އީރާނަކީ "އެއް ކަލަކު ގަބޫލުކުރާ، އެއް ލީޑަރަކަށް ތަބާވާ، އެއް އުންމަތެއް" ކަމަށާއި، އެންމެންގެވެސް އޮތީ އެއް އަމާޒަކަށް ދަތުރުކުރުން ކަމަށެވެ. އެއީ ފުރާނައަށް ވުރެ ލޯބިވާ އީރާނުގެ ކާމިޔާބީގެ މަގު ކަމުގައި އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.