ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާންގެ އެއްބައިވަންތަކަމުން ދުޝްމަނުންގެ މެދުގައި ބައިބައިވުން އުފެދިއްޖެ: އީރާން 

އީރާންގެ އެއްބައިވަންތަކަމުން ދުޝްމަނުންގެ މެދުގައި ބައިބައިވުން އުފެދިއްޖެ: އީރާން 

އީރާންގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ އެއްބައިވަންތަކަމުގެ ސަބަބުން ދުޝްމަނުންގެ ސަފުތަކުގައި ބޮޑެތި ބައިބައިވުންތަކާއި ރޫޅުންތައް އުފެދިފައިވާ ކަމަށް އެގައުމުގެ އިސްލާމީ އިންގިލާބުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

އެކްސް ޕްލެޓްފޯމުގައި އާންމުކުރި ބަޔާނެއްގައި މީޑިއާ އޮފީހުން ބުނީ، އީރާންގެ ރައްޔިތުންގެ މެދުގައި ފެންނަން އޮތް މި ހަރުދަނާ އެކުވެރިކަމުގެ ސަބަބުން ދުޝްމަނުންގެ އެތެރޭގައި ރެނދުލައި، އެމީހުންގެ ބާރު ކެނޑެމުންދާ ކަމަށެވެ.

މި އެއްބައިވަންތަކަމުގެ ނިއުމަތަށް އަމަލީ ގޮތުން ޝުކުރުވެރިވުމަކީ ގައުމުގެ ބަދަހިކަން ދަގަނޑު ފަދަ ވަރުގަދަ އެއްޗަކަށް ހަދައި، ދުޝްމަނުން އިތުރަށް ނިކަމެތިކޮށް ބަލިކަށިކޮށްލުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދުޝްމަނުންގެ މީޑިއާތަކުން ހިންގާ ހަރަކާތްތައް އަމާޒުކުރަނީ ރައްޔިތުންގެ ފިކުރާއި ނަފްސާނީ ހަމަޖެހުމަށް ކަމަށާއި، ނަތަންޔާހޫ އާއި ޓްރަމްޕް ފަދަ ވެރިންގެ ބޭނުމަކީ ގައުމުގެ ސަލާމަތާއި އެއްބައިވަންތަކަން ރޫޅާލުން ކަމަށް ސްޕްރީމް ލީޑަރުގެ މީޑިއާ އައުޓްލެޓުން ބުންޏެވެ.

އެމެރިކާ އާއި އިސްރާއީލް ފަދަ ދުޝްމަނުންގެ މި ނުބައި ރޭވުންތައް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ފަރުވާކުޑަކަމުގެ ތެރެއިން އެފުރުސަތު ދުޝްމަނުންނަށް ނުދިނުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.