އެމެރިކާގެ އަމުރުތަކަށް ކެނެޑާއިން ބޯނުލަނބާނެ: ބޮޑުވަޒީރު މާކް ކާނީ
އެމެރިކާއާއެކު ކުރިއަށްދާ ވިޔަފާރީގެ މުއާމަލާތްތަކުގައި ކެނެޑާއިން ދޫނުދޭނެ ކަމަށާއި، އެމެރިކާގެ އަމުރުތަކަށް ކެނެޑާއިން ބޯނުލަނބާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ކާނީ ވިދާޅުވީ، ވިޔަފާރީގެ މަޝްވަރާތަކުގައި ކެނެޑާއިން އެމެރިކާއަށް ދޫދެމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. "މި މަޝްވަރާތަކުގައި އަހަރެމެން ފަހަތަކަށް ނުޖެހޭނަން. އަދި އަހަރެމެންނަކީ އެމެރިކާއިން ބުނާހާ ގޮތަކަށް ކަންކަން ކުރާނެ ބައެއް ނޫން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
މިހާރު އެމެރިކާގެ ވެރިކަމުގައި ހުރި ޑޮނަލްޑް ޓްރަމްޕް ކެނެޑާގެ އުފެއްދުންތަކުން ނަގަން ނިންމާފައިވާ ބޮޑެތި ޓެކްސްތަކާ ގުޅޭގޮތުން ކާނީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމެރިކާއިން ވަނީ ކެނެޑާގެ ދަގަނޑާއި އެލުމިނިއަމްއިން 50 އިންސައްތަ، އަދި އުޅަނދުފަހަރުން 25 އިންސައްތައިގެ ޓެކްސްއެއް ނަގަން ނިންމާފައެވެ. މީގެ އިތުރުން ވަލުލަކުޑީގެ އުފެއްދުންތަކުންވެސް ބޮޑެތި ޓެކްސްތަކެއް ނަގަން ވަނީ ހަމަޖައްސާފައެވެ.
ކާނީ ވިދާޅުވީ މި ޓެކްސްތަކަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށެވެ. ނަމަވެސް، ވިޔަފާރީގެ ބައެއް މައްސަލަތައް ހައްލުކުރުމަށްޓަކައި އެމެރިކާއާއެކު ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ކެނެޑާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ބޮޑުވަޒީރު ކާނީ ވަނީ ޚާއްސަ އެޑްވައިޒަރީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މި ކޮމިޓީގައި ކެނެޑާގެ ސިޔާސީ އެކި ފިކުރުތަކުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިން ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ ކެނެޑާއާއެކު އޮންނަ ވިޔަފާރީގެ އެއްބަސްވުންތަކަކީ އެމެރިކާއަށް ގެއްލުންވާ ގޮތަށް އޮތް އެއްބަސްވުންތަކެއް ކަމަށެވެ. އަދި އައު އެއްބަސްވުމަކަށް ދިއުމުގެ ކުރިން ކެނެޑާއިން ބައެއް ކަންކަމުގައި "އެންޓްރީ ފީ" އެއްގެ ގޮތުގައި ދޫދޭންޖެހޭނެ ކަމަށްވެސް އެމެރިކާގެ ބައެއް އޮފިޝަލުން ވަނީ ބުނެފައެވެ. ނަމަވެސް ބޮޑުވަޒީރު ކާނީ ވަނީ އެފަދަ އެއްވެސް "ފީ" އެއް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ އެ ހުށަހެޅުންތަކަށް ރައްދު ދެއްވާފައެވެ.
Ads by MACL
