ނަތަންޔާހޫގެ ހަށިގަނޑުން ކެންސަރުގެ ޓިއުމަރެއް ނަގައިފި
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަށިގަނޑުގައި އުފެދުނު ކެންސަރުގެ ކުޑަ ޓިއުމަރެއް އޮޕަރޭޝަން ކޮށްގެން ނަގައިފިއެވެ.
ނަތަންޔާހޫ ބުނީ، ފަރުވާއަށް ފަހު މިހާރު އޭނާގެ ހަށިގަނޑުގައި ކެންސަރުގެ އެއްވެސް އަސަރެއް ނެތް ކަމަށާއި، އޭނާ ހުރީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ދުޅަހެޔޮ ސިއްހީ ހާލަތެއްގައި ކަމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނި ގޮތުގައި، މި ޓިއުމަރު ފެނުނީ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ކުރިން ކުރި އޮޕަރޭޝަނަކަށް ފަހު، ގަވާއިދުން ހަދަމުންދިޔަ މެޑިކަލް ޗެކަޕްތަކުގެ ތެރެއިންނެވެ. އުމުރުން 76 އަހަރުގެ ނަތަންޔާހޫ ބުނީ، އެންމެ ފަހުން ހެދި ޓެސްޓުތަކުން ފެނުނީ ސެންޓިމީޓަރަކަށް ވުރެ ވެސް ކުޑަ "ތިއްކެއް" ކަމަށާއި، އެއަށް ވަގުތުން ފަރުވާ ދީފައިވާ ކަމަށެވެ.
ސިއްހީ ރިޕޯޓު އާންމުކުރުން ލަސްވި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އެއީ އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ ނުރައްކާތެރި ދަނޑިވަޅެއްގައި، އޭނާގެ ސިއްހީ ހާލަތާ ބެހޭގޮތުން އީރާނުން "ދޮގު ޕްރޮޕެގެންޑާ" ފެތުރުން ހުއްޓުވުމަށް ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އަދި ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ މައުލޫމާތު ލިބުމާއެކު އަވަސް ފިޔަވަޅު އެޅުމަކީ ގައުމީ ފެންވަރުގައި ވެސް އޭނާ ގެންގުޅޭ ސިޔާސަތު ކަމަށް ބުންޏެވެ.
ނަތަންޔާހޫގެ ސިއްހީ ހާލަތުގެ މައުލޫމާތު މި ހާމަކުރީ ބައިނަލްއަގުވާމީ ގޮތުން މުހިންމު ކަންތައްތަކެއް ހިނގަމުންދާ ވަގުތެއްގަ އެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާގެ ވައިޓް ހައުސްއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، ލުބުނާނާ އެކު ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ވެސް ވަނީ އިތުރު ތިން ހަފުތާއަށް ދަންމާލާފަ އެވެ.
Ads by MACL
