ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކެނެޑާގައި ބަޑިޖެހި މީހާގެ މައުލޫމާތު ނުދެވުމުން އޯޕަން އޭއައިގެ ސީއީއޯ މައާފަށް އެދިއްޖެ

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ---
އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ---

ކެނެޑާގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި އެއް ބަޑީގެ ހަމަލާ ދިން މީހަކު، އޯޕަން އޭއައިގެ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ނުރައްކާތެރި ރޭވުންތަކެއް ރާވަމުންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް، އެކަން ފުލުހުންނަށް ރިޕޯޓް ނުކުރެވުމުގެ ޒިންމާ ނަގައި އެ ކުންފުނީގެ ސީއީއޯ ސޭމް އޮލްޓްމަން މައާފަށް އެދިއްޖެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ޓަމްބްލާ ރިޖްގައި 18 އަހަރުގެ ޖެސީ ވެން ރޫޓްސެލާ ދިން ބަޑީގެ ހަމަލާގައި އަށް މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ރޫޓްސެލާގެ މަންމައާއި ބޭބެގެ އިތުރުން އެ ސަރަހައްދުގެ ސެކަންޑަރީ ސްކޫލެއްގެ ފަސް ދަރިވަރުން ހިމެނެއެވެ. ހަމަލާ ދިނުމަށްފަހު ރޫޓްސެލާ ވަނީ އަމިއްލައަށް މަރުވެފައެވެ.

އޯޕަން އޭއައި އިން ހާމަކުރި ގޮތުގައި، މި ހަމަލާ ހިނގުމުގެ އަށް މަސް ކުރިން، ޖޫން 2025 ގައި ރޫޓްސެލާގެ ޗެޓްޖީޕީޓީ އެކައުންޓް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެއީ އޭނާ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން "އަނިޔާވެރި އަމަލުތަކެއް ހިންގުމަށް" މަސައްކަތް ކުރަމުންދާކަން އެ ކުންފުނީގެ އެތެރޭގެ ނިޒާމަށް ފާހަގަކުރެވުމުންނެވެ. ނަމަވެސް، އެ ވަގުތު އޭނާގެ ފަރާތުން ފެނުނު ކަންކަމަކީ ވަގުތުން ދީފާނެ ނުރައްކަލެއް ކަމަށް ނުބެލެވޭތީ، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާފައި ނުވާ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެއެވެ.

ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އީބީ އާއި ޓަމްބްލާ ރިޖްގެ މޭޔަރަށް ފޮނުއްވި ސިޓީއެއްގައި ސޭމް އޮލްޓްމަން ވިދާޅުވީ، އެކައުންޓް ބޭން ކުރި ދަނޑިވަޅުގައި ފުލުހުންނަށް އެކަން ނާންގާ އޮތުމަކީ ކުރެވުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު މައާފަށް އެދޭ ކަމަށެވެ. އަދި މި ހާދިސާގައި ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމާއި ހިތާމައިގައި ބައިވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށްޓަކައި ސަރުކާރުތަކާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ އުސޫލުތައް ހަރުދަނާ ކުރާނެ ކަމަށް އޮލްޓްމަން ވަނީ ވައުދުވެފައެވެ.