އީރާން އެއާގެ ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފަށަނީ
އީރާނުގެ ގައުމީ އެއާލައިން، އީރާން އެއާގެ ބައިނަލްއަގުވާމީ ދަތުރުތައް މިއަދު (25 އޭޕްރީލް 2026) އިން ފެށިގެން އަލުން ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފަށާ މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ފަސް މަންޒިލަކަށެވެ. އެއީ ތުރުކީގެ އިސްތަންބޫލް، އަޒަރުބައިޖާންގެ ބާކޫ، ގަތަރުގެ ދޯހާގެ އިތުރުން އިރާގުގެ ނަޖަފް އަދި ބަޣުދާދެވެ.
މި ދަތުރުތައް އަލުން ފެށުމަށް ނިންމީ ކަމާބެހޭ އިދާރާތަކުން ބޭނުންވާ ހުއްދަތައް ދިނުމާ ގުޅިގެންނެވެ. އީރާން އެއާލައިނުން ބުނި ގޮތުގައި މި މަންޒިލްތަކަށް ދަތުރުތައް ފަށަނީ ފަސިންޖަރުންގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
އީރާނުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުގައި އެއާލައިންގެ ދަތުރުތައް މެދުކަނޑާލަން ޖެހުނީ ސަރަހައްދީ މަސްލަހަތު ގޯސްވުމުގެ ސަބަބުންނާއި، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކަކީ އެމެރިކާގެ ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫ ފަދަ ވެރިން އިސްވެ ތިބެ ހިންގި ޖަރީމާތަކެއް ކަމަށް އީރާނުން ސިފަކުރެއެވެ. އެމެރިކާ އާއި އިސްރާއީލުގެ ވެރިން ހިންގި މި އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެދުވަސްވަރު އެރިއެވެ.
Ads by MACL
