އެމެރިކާގެ 'ތާރީޚީ ނާކާމިޔާބީތަކުން' ފިލާވަޅު ލިބިގަތުމަށް އިރާނުގެ ރައީސް ގޮވާލައްވައިފި
ދުނިޔޭގެ ބޮޑާ ބާރުތަކުން، ޚާއްޞަކޮށް އެމެރިކާއިން ކުރިމަތިލާންޖެހުނު ބޮޑެތި ނާކާމިޔާބީތަކުން އިބުރަތް ހާސިލްކުރުމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ގޮވާލައްވައިފިއެވެ.
ރައީސް ޕެޒެޝްކިއަން މިކަމަށް ގޮވާލެއްވީ، 1980 ވަނަ އަހަރު ތަބާސް ސަހަރާގައި އެމެރިކާ ސިފައިންނަށް ކުރިމަތިވި ލަދުވެތި ނާކާމިޔާބީއާއި، ދާދި ފަހުން އިސްފަހާނުގައި ހިނގި ހާދިސާއާ އަޅާކިޔުއްވަމުންނެވެ.
އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، 1980 ވަނަ އަހަރުގެ 'އޮޕަރޭޝަން އީގަލް ކްލޯ' ނާކާމިޔާބުވި ހަނދާންތައް އާކުރެއްވިއެވެ. އިރާނުގައި ތިބި އެމެރިކާގެ ޖާސޫސުން ސަލާމަތްކުރަން އައި އެމެރިކާގެ ސިފައިންނަށް އެފަހަރު ކުރިމަތިލާންޖެހުނީ ގަދަ ވެލީގެ ތޫފާނަކާއެވެ. އެކަމަށް އިޝާރާތްކުރައްވައި ޕެޒެޝްކިއަން ވިދާޅުވީ، އެއީ އެހެން ހުރިހާ ބާރުތަކެއްގެ މައްޗަށް މާތްﷲގެ އިރާދަފުޅު އިސްވާކަން ހާމަވެގެންދިޔަ ދުވަހެއް ކަމަށެވެ.
މީގެ އިތުރުން، މި އަހަރު އިސްފަހާނުގެ ދެކުނުގައި "އިތުރު ތަބާސްއެއް" އުފެދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިރާނުން ބުނާ ގޮތުގައި، ވައްޓާލާފައިވާ އެމެރިކާގެ ހަނގުރާމަމަތީ ބޯޓެއްގެ ޕައިލެޓް ސަލާމަތްކުރަން އެމެރިކާއިން ކުރި ސިއްރު މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މި ހާދިސާގައި އިރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ދެ ސީ-130 މަތިންދާބޯޓާއި، ދެ ބްލެކް ހޯކް ހެލިކޮޕްޓަރު ނައްތާލާފައެވެ. މި އުޅަނދުތައް ނައްތާލާފައިވަނީ އިސްފަހާނުގެ ދެކުނުގައި އޮންނަ ފަޅު އެއާޕޯޓަކަށް އެމެރިކާގެ ސިފައިން ބާލަން އުޅެނިކޮށެވެ.
އިރާނުގެ ރައީސްގެ ވާހަކަފުޅުގައި، އެމެރިކާއާއި އިސްރާއީލުގެ ވެރިންނަކީ ބޮޑާ ބާރުތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެފަރާތްތަކުން ކުރާ މިފަދަ އުދުވާނުތަކުގެ ނިމުން އަންނާނީ ނާކާމިޔާބީއާ އެކު ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.
Ads by MACL
