ޓްރަމްޕްބައިވެރިވި ހަފްލާއެއްގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް!
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ" ކުރިއަށް ދަނިކޮށް، އެތަނުގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން ސީކްރެޓް ސާވިސްގެ އެހީތެރިކަމާ އެކު ރައީސް ޓްރަމްޕް ކުއްލި ގޮތަކަށް އެތަނުން ނެރެފި އެވެ.
ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި ހަފްލާގެ ތެރެއިން ބާރުގަދަ އަޑުތަކެއް އިވެން ފެށުމާ އެކު، ހަފްލާގެ ބައިވެރިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ގިނަ ބަޔަކު ވަނީ މޭޒުތަކުގެ ދަށަށް ވަދެ ރައްކާތެރިކަން ހޯދާފަ އެވެ.
މި ނުރައްކާތެރި ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ހާއްސަ ފައުޖުތަކުން ވަނީ ވަގުތުން ސްޓޭޖްގެ ކޮންޓްރޯލް ނަގައި، ރައީސް ޓްރަމްޕްގެ ސަލާމަތްތެރިކަން ކަށަވަރުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕަށް އެއްވެސް ގެއްލުމެއް ނުލިބި ހޮޓަލުން ބޭރަށް ގެންގޮސްފައިވާއިރު، މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މި ހާދިސާގައި އެކަކަށް އަނިޔާވި ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، ރަސްމީ އިދާރާތަކުން އަދި އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ބަޑީގެ އަޑުތައް އިވެން ފެށީ ހަފްލާގެ ކެއުން ކުރިއަށް ދަނިކޮށް، ރައީސް ޓްރަމްޕް ތަގުރީރު ކުރައްވަން ތައްޔާރުވަމުން ދަނިކޮށެވެ. ކެބިނެޓް އޮފިޝަލެއް ކަމަށްވާ މެހްމެތު އޯޒް ވިދާޅުވީ، ސެކިއުރިޓީން އޭނާ އެތަނުން ނެރުނުއިރު ހޮޓަލުގެ މަތީ ފަންގިފިލާއަކުން ބަޑިޖެހި އަޑު އިވުނު ކަމަށެވެ. ހާދިސާއަށް ފަހު ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މިއީ ޓްރަމްޕަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދޭން އުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2024 ވަނަ އަހަރު ޕެންސިލްވޭނިއާގެ ބަޓްލާގައި ބޭއްވި ރެލީއެއްގައި ދިން ހަމަލާއެއްގައި އޭނާ ޒަހަމްވެފައިވާއިރު، ފްލޮރިޑާގެ ގޮލްފް ކޯހެއްގައި ހުންނަވަނިކޮށް ވެސް ހަތިޔާރާ އެކު ހުރި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިރޭގެ ހާދިސާ ހިނގި ވޮޝިންޓަން ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު އޭރުގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލަން ހަމަލާދިން ތަން ވެސް މެ އެވެ.
މި ހާދިސާއާ ގުޅިގެން ހޮޓާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށް، ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ދަނީ އިތުރަށް ބަލައި ފާސްކުރަމުންނެވެ. ނުރައްކާތެރި މި ހާދިސާ އަށް ފަހު ވެސް، ހަފްލާ އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ޑިނާގެ ހަރަކާތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދަން ނިންމާފަ އެވެ.
Ads by MACL
