ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސަރަޙައްދީ މަޝްރަޙާ ގުޅޭގޮތުން އީރާނާއި ސައުދީގެ ޚާރިޖީ ވަޒީރުން ފޯނުން މަޝްވަރާކުރައްވައިފި

ސަރަޙައްދީ މަޝްރަޙާ ގުޅޭގޮތުން އީރާނާއި ސައުދީގެ ޚާރިޖީ ވަޒީރުން ފޯނުން މަޝްވަރާކުރައްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ސައުދީ ވަޒީރު ފައިސަލް ބިން ފަރްހާންއަށް އާދީއްތަ ދުވަހު ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓުވުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ މައްޗަށެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އިސްލާމްއާބާދަށް އަރަގްޗީ ވަޑައިގެން އުޅުއްވަނިކޮށެވެ. އަރަގްޗީ ވަނީ ގަތަރުގެ ޚާރިޖީ ވަޒީރާވެސް ފޯނުން ގުޅުއްވައި ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

2026 ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ޙަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، އޭޕްރިލް 8 އިން ފެށިގެން ވަގުތީ ސުލްޙައެއް ޤާއިމުކޮށްފައިވަނީ ޕާކިސްތާނުގެ މެދުވެރިވުމާއެކުގައެވެ. ނަމަވެސް، ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކަށް ހުރަސްއެޅެމުންދާކަމަށް އީރާނުން ބުނެއެވެ. އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ ބައިވެރިވާން ނިންމާފައިވީ ނަމަވެސް، ޓްރަމްޕް ބުނެފައިވަނީ އޭނާ އެއްބަސްވުމަކަށް އައުމަށް އަވަސް އަރުވާނުލާނެ ކަމަށެވެ.

މީގެ އިތުރުން، އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެނެސްފިނަމަ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ. ނަތަންޔާހޫގެ އިސްރާއީލު ސަރުކާރުން ލުބުނާނުގައި ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިހާރު އޮތް ވަގުތީ ސުލްޙަވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ.

ސައުދީ ޚާރިޖީ ވަޒީރާއެކު ބޭއްވި ފޯނު ކޯލުގައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ސައުދީން ތާއީދުކުރާކަން ފައިސަލް ބިން ފަރްހާން ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި އަރަގްޗީ އިތުރަށް މަޝްވަރާ ކުރެއްވުމަށް އޮމާނަށާއި ރަޝިޔާއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މަޝްވަރާތަކުގައި ކުރަމުންދާ "ބޭއިންސާފު" ޑިމާންޑްތަކުގެ ސަބަބުން ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.