ޓްރަމްޕަށް ހަމަލާދޭން އުޅުނުމީހާ ހަމަލާގެ 10 މިނިޓްކުރިން އާއިލާއަށް އެކަން އެންގި
ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ހަމަލާދޭން އުޅުނު މީހާ، އެ ހަމަލާ ދިނުމުގެ 10 މިނިޓު ކުރިން އޭނާގެ އާއިލާއަށް އެކަން އަންގައި މެނިފެސްޓޯއެއް ފޮނުވިކަން އެނގިއްޖެއެވެ.
ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބޭއްވި ހަފްލާއެއްގެ ތެރެއިން ޓްރަމްޕަށް ހަމަލާދޭން މަސައްކަތްކުރި މި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލެންއެވެ. އޭނާ ހައްޔަރުކުރީ ގިނަ އަދަދެއްގެ ހަތިޔާރާއެކު ހޮޓަލުގެ ސެކިއުރިޓީ ޗެކްޕޮއިންޓަކުން އެތެރެވާން އުޅެނިކޮށެވެ.
އާއިލާއަށް ފޮނުވި މެނިފެސްޓޯގައި އެލެން ބުނެފައިވަނީ އޭނާގެ މައިގަނޑު އަމާޒަކީ ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިން ކަމަށެވެ. އަދި އެ މީހުންގެ މަގާމުގެ ގޮތުން ހަމަލާދޭނެ ތަރުތީބެއްވެސް އޭނާ ކަނޑައަޅާފައިވެއެވެ. ނަމަވެސް އެފްބީއައިގެ ޑައިރެކްޓަރު ކާޝް ޕަޓޭލް ވަނީ އެ ލިސްޓުން އުނިކޮށްފައެވެ.
ޓްރަމްޕަކީ ގައުމަށް ޚިޔާނާތްތެރިވެފައިވާ މީހެއްގެ ގޮތުގައި ސިފަކޮށް، އެލެން ލިޔެފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުނުވެ ތިބޭ މީހުންނަކީވެސް އެ ކުށުގައި ބައިވެރިވާ ބައެއް ކަމަށެވެ. އަދި އޭނާ ހަމަލާދެނީ އެހެން މީހުންނަށް ލިބޭ އަނިޔާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ.
ހޮޓަލުގެ ސެކިއުރިޓީއަށް ފާޑުކިޔަމުން އެލެން ބުނީ، އޭނާ ހަތިޔާރާއެކު ހޮޓަލަށް ވަދެގެން ދިޔައިރު އެއްވެސް މީހަކު އޭނާއާ ސުވާލު ނުކުރާ ކަމަށެވެ. ސެކިއުރިޓީ ބަލަނީ ހަމައެކަނި ބޭރުން އަންނަ މީހުންނަށް ކަމަށާއި، ކުރިން ޗެކް-އިން ވެފައި ތިބި މީހުންނާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހަމަލާގެ މައުލޫމާތު ފުލުހުންނަށް އެންމެ ފުރަތަމަ ދިނީ އެލެންގެ ކޮއްކޮއެވެ. އޭނާ ވަނީ މެނިފެސްޓޯ ލިބުމާއެކު ފުލުހުންނަށް ގުޅައި އެކަން އަންގާފައެވެ. އެލެންގެ އާއިލާއިން ބުނި ގޮތުގައި އޭނާއަކީ ސިޔާސީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ، އަދި ދުނިޔޭގެ ކަންކަން ބަދަލުކުރަން "ކޮންމެވެސް ކަމެއް" ކުރަން ބޭނުންވާ ކަމަށް ކުރިންވެސް ބުނަމުންދިޔަ މީހެކެވެ.
Ads by MACL
