ބަލި ދަރިފުޅަށް ފަރުވާ ހޯދުމުގެ ނަމުގައި ކުޑަކުއްޖަކު ވިއްކާލި މައްސަލައެއް ބަލަނީ
ފަރުވާ ބޭނުންވެފައިވާ ދަރިފުޅަށް ފައިސާ ހޯދުމުގެ ބަހަނާގައި، ދެ އަހަރުގެ އަންހެން ކުއްޖަކު 40,000 ރުޕީސްއަށް ވިއްކާލި މަންމައަކާއި އިތުރު ދެ މީހަކު ސްްރީ ލަންކާގެ ފުލުހުން ހައްޔަރުކޮށް އެމައްސަލަ ބަލަންފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުއްޖާގެ 27 އަހަރުގެ މަންމައާއި، އޭނާގެ 31 އަހަރުގެ ބައިވެރިޔާގެ އިތުރުން ކުއްޖާ ގަތް ކަމަށް ތުހުމަތުކުރެވޭ 37 އަހަރުގެ އަންހެނެކެވެ.
ލަންކާގެ ދަރުމަޕުރަމް ސަރަޙައްދުގައި ހިނގި މި ހާދިސާ ފަޅާއެރީ، ކޮލަމްބޯ ސަރަޙައްދުގެ އަންހެނަކަށް އެ ކުއްޖާ ވިއްކާލާފައިވާ ކަމަށް ބުނެ އެ އަވަށުގެ ގްރާމާ ނިލަދާރީ (އަވައް ވެރިޔާ) ފުލުހުންނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
Ads by BMLފުލުހުންގެ ތަޙުޤީޤުގައި ސުވާލުކުރުމުން ތުހުމަތުކުރެވޭ ފަރާތްތަކުން ބުނެފައިވަނީ، ކުއްޖާ ވިއްކާލީ އެޢާއިލާގައި ހުރި ހަތަރު އަހަރުގެ އަނެއް އަންހެން ކުއްޖާއަށް ޖެހިފައިވާ ތެލެސީމިއާ ބައްޔަށް ފަރުވާކުރާނެ ފައިސާ ނެތިގެން ކަމަށެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި ކުއްޖާ ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން 15,000 ރުޕީސް ޚަރަދުކޮށްގެން މަންމަ ވަނީ މޯބައިލް ފޯނެއް ގަނެފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ސުވާލުކުރުމުން އެކަށީގެންވާ ޖަވާބެއް ދެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ކިލިނޮއްޗީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެޕްރީލް މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ކުއްޖާ ގަތް ކަމަށް ބުނާ އަންހެން މީހާއަކީ ކަތުނާޔަކެ ސަރަޙައްދަށް ނިސްބަތްވާ މީހެކެވެ.
Ads by MACL
